މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައި އޮތީ މެންދުރުފަހު 2:00 ޖެހިއިރު އެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލްކުރީ މައްސަލަ ބަލާ ސެކްޝަނުގައި އެހެން މައްސަލައެއް ކުރިއަށްދާތީ އެވެ.

މިއަދުގެ އަޑުއެހުމަކީ އެމްއެމްޕީއާރްސީއިން މާލެ އަތޮޅުގެ ފަޅެއް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމަށްފަހު ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުވުމަށްފަހު ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ދައުވާގެ އަޑުއެހުމެކެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ބާއްވާފައިވާއިރު އެ ދުވަހުގެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ ދައުލަތުގެ ދައުވާގައި ބުނާ އެއް މިލިއަން ޑޮލަރުގެ ޗެކް ހަވާލުކުރީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ކަމަށެެވެ.

ޒިޔަތު ވިދާޅުވީ އެ ޗެކް އަދީބާ ހަވާލުކުރީ ޓޫރިޒަމް މިނިސްޓްރީން އެގޮތަށް އަންގާފައި އޮތުމުން އެމްއެމްޕީއާރުސީގެ މުވައްޒަފެއް ކަމަށްވާ ޝިފާއު ނަމަކަށް ކިޔާ ބޭފުޅެއްގެ ހާޒިރުގައި ކަމަށެވެ. ޝަރީއަތަށް އެކަން ސާބިތުކޮށްދިނުމަށްޓަކައި ޒިޔަތުގެ ފަރާތުން ވަނީ ޝިފާއުގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ދައުލަތުން ވެސް އެދުވަހު ވަނީ ޒިޔަތުއާ ދެކޮޅަށް ހެކީގެ ގޮތުގައި ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ.

މިމައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ވެސް ދައުވާ ކޮށްފައިވެ އެވެ. އަދީބަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. އޭނާ ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ކުރިން މިމައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެެވެ. ނަމަވެސް މިހާރު މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފެވެ.