ވިލާ ކޮލެޖުގެ މާލޭ ކެމްޕަސް ފަޅާލައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިމައްސަލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 11 ދުވަހުކަމަށެވެ. އަދި އޭނާ ފުލުހުންގެ ބަންދުގައި ބެހެއްުޓުމަށް ތިން ފަހަރެއްގެ މަތިން މުއްދަތު ޖަހާފައިވާކަމަށް އޮފިސަރު ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ ބިދޭސީ މީހާގެ ބަންދަށް އެންމެ ފަހުން ދީފައިވަނީ 15 ދުވަހުގެ މައްދަތެއްކަމަށެވެ. ބިދޭސީ މިމީހާއާއި ގުޅޭ އިތުުރ ތަފްސީލެއް ފުލުހުން ނުދެއެވެ.

ވިލާ ކޮލެޖުގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި ދެ މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އެކޮލެޖުން ވަނީ ބުނެފައެވެ.

ވިލާ ކޮލެޖުގެ ދެ ތިޖޫރީ ފާޅާލާފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރެއެވެ.

ވިލާ ކޮލެޖުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ވިލާ ކޮލެޖުގެ ތިޖޫރީގައި މައިގަނޑު ގޮތެއްގައި ހުރި ފައިސާ އަކީ މިއަހަރުގެ ޖެނުއަރީގައި ފަށާ ކޯސްތަކަށް ވަންނަ ކުދިންގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި އެކިއެކި ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ.