ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންކަމުގެ މަގާމަށް ހެލްތު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަމުގެ މަގާމްގައި ހުންނެވި ފުއާދު ގާސިމް ހަމަޖައްސަވައިފިއެވެ.

ފުއާދު ގާސިމް އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމަށް ހަމަޖައްސަވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންވެސް ވަނީ ޔަގީކޮށްދެއްވާފައެވެ.

އެކަން ހާމަކުރައްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރައްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންގެ މަގާމަށް ފުއާދު ގާސިމް ހަމަޖައްސަވާފައިވާކަމަށެވެ.

ފުއާދު ވަނީ ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ފިޝަރީޒް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަމުގެ މަގާމް އަދާކުރައްވާފައެވެ. އެއަށްފަހް ރައީސް ޔާމީންގެ ސަރުކާރުގައި ފުއާދު ވަނީ ހެލްތު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވާފައެވެ. ފުއާދަކީ ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ފުއާދު އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމަށް ހަމަޖައްސަވާފައިވާއިރު ކުރިން އެ މަގާމްގައި ހުންނެވީ މުހައްމަދު އަސީލް އެވެ.

އަސީލްއަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރިޔާސީ ލޯންޗު ފިނިފެންމާގައި ހިނގާދިޔަ ބޮން ގޮއްވުމުގެ ހާދިސާއާއި ގުޅިގެން ތަހްގީގަށް ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. އަސީލް ހޯދަން އިއުލާންކުރުމުގެ ކުރިން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެންގޮސްފައެވެ. އެހެންކަމުން ފިނިފެންމާގެ ތަހްގީގަށް އަސީލް ހޯދުމަށް މިހާރު އިންޓަރޕޯލްއިން ރެޑް ނޯޓިސްވެސް ނެރެފައެވެ.