އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި އެއާލައިން ކޮމްޕްލެކްސްއެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އަމީންއާ މިއަދު ހަވާލުކުރީ އެއާލައިން ކޮމްޕްލެކްސްއެއްގެ އިތުރުން މުވައްޒަފުންނަށް ހާއްސަ ކެންޓީނަކާއި އޮޕަރޭޝަން އެއާލައިން އޮފީހެއް އެޅުމަށެވެ. މިމަސައްކަތްތަކަށް 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު ސެކިއުރިޓީގެ ކަންކަން ހަމަޖެހިފައިވާ ގޮތުން އެއާލައިން ސައިޑަށް އެކި ތަންތަނުން އެބަ ވަދެވޭ. މިތަން ނިމުމުން ސެކިއުރިޓީގެ ހުރިހާ ކަމެއްވެސް ބަލާނީ މިތަނުން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ނިމުމުން އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަންތަކުގައި ދެމުންގެންދާ ހިދުމަތްތަކާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމާއި އަދި އެއާލައިން އޮފީސްތައް ވެސް ހިންގާނީ މިތަނުގައި ކަމަށެވެ.

އަމީނަށް މި އިމާރަތް ހަވާލުކުރީ މި އަހަރުގެ ފަހު ހަތަރު މަސް ތެރޭގައި އެންމެ ލަސްވެގެން މަސައްކަތް ނިންމަންޖެހޭ ގޮތަށެެވެ.

އާދިލް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ މަސައްކަތްތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ރީލޮކޭޝަންގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އިތުރު ލައުންޖުތަކާއި ގޭޓްތައްވެސް މިމަސައްކަތުގެ ތެރެއިން ހަދަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އެއާޕޯޓުގެ ރީލޮކޭޝަންގެ މައިގަނޑު މަސައްކަތްތައް ކުރަނީ އެމްޓީސީސީ އިންނެވެ. އެއާޕޯޓުގެ ބައެއް މަސައްކަތްތައް ވަގުތީ އިމާރާތްތަކަށް ބަދަލުކުރުމަށްޓަކައި އެމްޓީސީސީ އިން މިހާރު ވެސް ދަނީ ވަގުތީ ގޮތުން 13 އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތްތައް ކުރިއަށް މަހު ނިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެއާލައިންތަކަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ބައެއް ވަސީލަތްތައް ބޭނުންވާތީ އެތަކެތި ހޯދަން މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓް ކުރެވިފައިވާއިރު އޭގެ ތެރެއިން ގިނަ ތަކެތި މިހާރު ލިބިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ. އަދި ރަންވޭ އެއްވަރު ކުރުމުގެ މަސައްކަތް ވެސް އެންމެ ލަސްވެގެން މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.