ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިން އޭސީ ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ހުޅުމާލެ ފެރީ ޓާމިނަލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި "ޕްރިމިއަމް ލިންކް"ގެ ނަމުގަައި އޭސީ ފެރީގެ ހިދުމަތް ފައްޓަވައި ދެއްވާ އަދި މިފެރީ ބޭނުންކުރާ ފަސިންޖަރުންނަށް ހާއްސަކޮށްގެން ހަދާފައިވާ ލައުންޖު މިއަދު ހުޅުވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

އޭސީ ފެރީގެ ޓިކެޓް ވިއްކަނީ 10 ރުފިޔާ އަށެވެ. މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރުމަށް "ކޮއިމަލާ 1" އަދި "ކޮއިމަލާ 2"ގެ ނަމުގައި އޭސީކޮށްފައިވާ ދެ ފެރީ މިއަދު ހިދުމަތަށް ނެރެފައިވާއިރު މިއިން ކޮންމެ ފެރީއެއްގައި 146 މީހުންގެ ޖާގަ ހުރެ އެވެ. މިފެރީގައި ދަތުރަށް ހޭދަވާނީ 15 މިނެޓް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ސީސީޓީވީ ކެމަރާ ވެސް ހަރުކޮށްފައިވާ މި ފެރީތަކަކީ އެމްޓީސީސީ އިން މިހާރު ދުއްވާ އާންމު ފެރީތަކަށް ވުރެ އަވަހަށް ދަތުރުކުރާ ފެރީތަކަކަށްވާތީ އޭސީގެ ފިނިކަން ނުވާ ހިސާބުގައި ތިބުމަށް ބައެއް މީހުން ބޭނުންވެދާނެތީ އޭސީ ފެރީތަކުގައި އޭސީގެ ފިނިކަން ނުވާ ގޮތަށްވެސް ބައެއް ވަނީ ހާއްސަކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރަައްޒާގު ވިދާޅުވީ މިއަދު ހިދުމަތަށް ނެރުނު ކޮންމެ ފެރީއަކަށް 4.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މި ފެރީތަކުގައި އިންޖީން އަޅާފައިވަނީ އެމްޓީސީސީ އިން ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދު ތައާރަފްކުރެވުނު ފެރީތަކާއި ގުޅިގެން ފެރީތަކުގެ އޮޕަރޭޓް ކުރުމުގެ ސްޕީޑްތަކަށް ހަލުވި ކަމެއް އަންނާނެ،" ރައްޒާގު ވިދާޅުވި އެވެ.

އެމްޓީސީސީ އިން ބުނީ އޭސީ ފެރީތައް ދަތުރުކުރަނީ އޮފްޕީކް ގަޑިތަކުގައި ގަޑިއަކު އެއް ދަތުރު ކަމަށާއި އަދި ޕީކް ގަޑިތަކުގައި 30 މިނެޓުން ދަތުރެއް ކުރާނެ ކަމަށެވެ. ނަމަވެސް ޑިމާންޑާ އެއްްވަރަށް ދަތުރުތައް އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނިން ބޭނުންކުރާ އާންމު ފެރީތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެމްޓީސީސީ އިން މިދިޔަ އަހަރު ޑަބަލްޑެކް ފެރީއެއް ވެސް ތައާރަފްކޮށްފައިވާއިރު މިއަދު ފެށި އޭސީ ފެރީގެ ހިދުމަތާއި އެކު މިހާރުވެސް ދެމުންގެންދާ އެކްސްޕްރެސް ލޯންޗުގެ ހިދުމަތްވެސް ލިބެމުންދާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.