މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ހައްދުންމަތީ ފޮނަދޫގައި މިއަދު ހުޅުވައިފި އެވެ.

މީރާގެ އޮފީސް ފޮނަދޫގައި ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ އިތުރުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރެވެ.

ފޮނަދޫ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް ވިދާޅުވީ އާބާދީއާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަންދީގެން މީރާގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ގާއިމްކުރެވިފައިވާމި އޮފީހުން، މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އެއޮތޯރެޓީން މައުލޫމާތު ދެއެވެ.

މީރާއިން ބުނީ ފޮނަދޫގައި ހުޅުވުނު މީރާގެ އޮފީހުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓަރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަންޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނޭ ކަމަށެވެ . އަދި ޓެކުހާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް މިރާއިން މައުލޫމާތު ދެއެވެ.

ފޮނަދޫ އޮފީހާއެކު މާލެއިން ބޭރުގައި ހުޅުވުނު މީރާގެ އޮފީހުގެ އަދަދު 6 އަށް އެރީއެވެ. މީރާގެ އޮފީސްތައް އައްޑޫގައާއި ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާއިރު، މީރާގެ ކަލެކްޝަން ސެންޓަރުތައް ޏ. ފުވައްމުލަކު، ބ. އޭދަފުށި އަދި ފ. ނިލަންދޫ ގައި ވަނީ ގާއިމްކޮށްފައެވެ.