މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެންބަރަކު ފުރަތަމަ ފަހަރަށް މިއަދު މާލީ ބަޔާން އާންމުކުރައްވައިފި އެވެ.

އެގޮތުން މިހާރުގެ މަޖިލިސް މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމުކުރެއްވި ފުރަތަމަ މެންބަރަކީ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ފާހަގަކުރެވޭ އަލީ ހުސައިން އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރައްވާފައިވާ މާލީ ބަޔާނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހުވާ އޭނާ ކުރެއްވި ތާރީހު ކަމުގައިވާ 28 މެއި 2014 އިން 27 މެއި 2015ގެ ނިޔަލަށް އެއް އަަހަރަށް ތައްޔާރުކުރައްވާފައިވާ މާލީ ބަޔާނެކެވެ.

އަލީ ހުސައިންގެ މާލީ ބަޔާނަށް ބަލާއިރު އެނާއަށް މަޖިލީހުގެ މުސާރަ އާއި އިނާޔާތުގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ލިބިފައިވަނީ 935،300.01 ރުފިޔާ އެވެ. އަހަރު ފެށުނު އިރު ސޭވިން އެކައުންޓްގައި ހުރީ 214،447.95 ރުފިޔާ އެވެ. އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީ 216،000 ރުފިޔާއަށް އަރާއިރު އާއިލީ އަދި އަމިއްލަ ދިރިއުޅުމަށް ހަރަދުވި ކަމަށް ބުނެފައިވަނީ 712،260 ރުފިޔާ އެވެ. އަދި އެހީގެ ގޮތުގައި އެކި ފަރާތްތަކަށް 456،000 ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށްވެސް މާލީ ބަޔާނުގައިވެ އެވެ.

މާލީ ބަޔާން ތައްޔާރުކުރައްވާފައިވާ މުއްދަތަށް ބަލާއިރު އަލީ ހުސައިންގެ މިލްކިއްޔާތުގައި ޖުމްލަ ހުރީ 197،487.86 ރުފިޔާ އެވެ. މީގެ އިތުރުން އޭނާގެ މިލްކިއްޔާތުގައި ކާރަކާއި ދެ ސައިކަލް ހުރި ކަމަށް ހިމަނުއްވާފައިވެ އެވެ. އަދި އެތަކެތީގެ ރަޖިސްޓްރީ ނަންބަރުތައް ވެސް ހިމަނުއްވާފައިވެ އެވެ.

އަލީ ހުސައިން ހިއްސާވާ ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާއިރު އެސްޓީއޯ އިން އޭނާ 21 ހިއްސާ ބައްލަވައިގެންފައިވެ އެވެ. މީގެ އިތުރުން ވަނި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގައި އޭނާގެ 99 އިންސައްތަ ހިއްސާ އޮވެ އެވެ. އަލީ ހުސައިން އަމިއްލަ ނަމުގައި ކުރައްވާ ވިޔަފާރިތަކަށް ބަލާއިރު ވޮލެންސް ލޯޔާސް ކިޔާ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކުރައްވާފައިވާއިރު ވަނި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއް އާންމު ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާފައިވެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހެ އެވެ.

މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަން ކުރެއްވި އަބްދުﷲ އަބްދުއްރަހީމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް އެ ބޭފުޅުންގެ މާލީ ބަޔާންތައް އާންމުންނަށް ފެންނާނެހެން އާންމުކުރައްވާފައިވެ އެވެ.