ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމަށް އެންގި ލިޔުންތައް އަދިވެސް ނުލިބޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ހަސަން އަލީ ވީނިއުސްއަށް ވިދާޅުވީ އިނގިރޭސިވިލާތުން ބޭސްފަރުވާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އެދިވަޑައިގެންފައި ވީނަމަވެސް ކުރިން ހުށަހެޅުއްވި ލިޔުންތަކަށް ބަލައި އެކަން ކުރެވެން ނެތްކަން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ.

ހަސަން އަލީ ވިދާޅުވީ ކުރިން ހުށަހެޅުއްވި ބައެއް ލިޔުންތައް ފުރިހަމަނުވުމާއި ސައްހަކަން ކަށަވަރު ނުކުރެވެމުން އެކަންކަން ރަގަޅުކުރުމަށް ފަހު އަލުން ލިޔުންތައް ހުށަހެޅުއްވުމަށް އެމަނިކުފާނަށް ފުރުސަތު ދީފައިވާ ކަަމަށެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް ލިޔުމެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

"މިދިޔަ މަހުގެ 22 ވަނަ ދުވަހު އަޅުގަނޑުމެން އެންގީ ލިޔުންތައް އަލުން ހުށަހެޅުއްވުމަށް. އެކަމަކު މިއަދާ ހަމައަށްވެސް އަދި ލިޔުންތަކެއް ނުލިބޭ" ހަސަން ވިދާޅުވިއެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިސަރު ވިދާޅުވީ ލިޔުންތައް ހުށަހެޅުއްވުމަށް އެމަނިކުފާނަށް އަދިވެސް ފުރުސަތު ބަންދުނުވާ ކަމަށެވެ. އަދި އެބޭފުޅުން ތިއްބެވީ ލިޔުންތަކުގެ އިންތިޒާރުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ރައީސް ނަޝީދަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އެމަނިކުފާނު ވަނީ ދެމަސްދުވަސް އިތުރުކުރުމަށް އެދިވަޑައިގެންފައެވެ. އެކަމަށް އެދިވަޑައިގެން ލިޔުންތަކެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ލިޔުންތައް ކަރެކްޝަނަލް ސާވިސްއިން ގަބޫލުނުކުރުމުން ކަރެކްޝަނުން އެދުނު ގޮތަށް އަނެއްކާވެސް ލިޔުންތައް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފައި ވެއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީއެވެ.

ނިމިގެންދިޔަ ހަފުތާގައި ހއ. އުތީމު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ނުޖެހޭކަން މިހާރު އެނގޭ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ޖެހެނީ އިންޖެކްޝަނެއް ޖެހުމަށް ކަމަށާއި އެކަން ކުރައްވައިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށް ރައީސް ނަޝީދަށް ދަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޓީމުގެ މެމްބަރު އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ މައުލޫމާތުތަކަކީ އެމަނިކުފާނުގެ ޒާތީ ކަންކަން ކަމަށާއި އެފަދަ މައުލޫމާތުތަކެއް ރައީސް ބޭނުންފުޅުވުމުން ހާމަކުރެވިގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ނަޝީދުގެ ސިއްހީ މައުލޫމާތު ފޯރުކޮށްދެމުންދަނީ އިތުބާރެއް އޮތުމުން ކަމަށާއި ނަމަވެސް މިހާރު ކަންކަން ވަމުންދާ ގޮތުން އެ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ފަސްޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ލިޔުންތައް ސައްހަ ނޫން ކަމަށް ބުނުމަށްފަހު އެ ލިޔުންތަކުގައި ހުރި ވާހަކަތަކަށް ބަލައި ކަންކަން ހާމަކުރަމުން ގެންދިއުމަކީ ނަޝީދު ހުށަހެޅުއްވި ލިޔުންތައް ސަރުކާރުން ގަބޫލުކުރާކަން ހާމަވާ ކަމެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މަސްދުވަހުގެ މުއްދަތެއް ސަރުކާރުން ދިނުމުން ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިހާތަނަށް މުއްދަތު އިތުރުކޮށްދީފައި ނުވި ނަމަވެސް އޭގެ ފަހުން މިހާރު މިވަނީ ދޮޅުމަސް ދުވަސް ވެފައެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ 13 މާޗު 2015 ގައެވެ.