ރާއްޖޭގެ ބާޒާރަށް މިދިޔަ ޖެނުއަރީ މަހު ތައާރަފްކޮށްފައިވާ އެކްސްއެކްސްއެލް އެނާޖީ ޑްރިންކްގައި ބަނގުރާ އެކެލެވިފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
ެއެމްއެފްޑީއޭ އިން މިހެން ބުނެފައި މިވަނީ އެކްސްއެކްސްއެލް އެނާޖީ ޑްރިންކްގައި ބަނގުރާ އެކެލެވިފައިވާ ކަމަށް ބުނެ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން މިބްރޭންޑްގެ ޑްރިންކްސްގެ ޓެސްޓްތަކެއް ހެދުމަށްފަހު އެވެ.
ޖަރުމަންވިލާތުގެ އުފެއްދުމެއް ކަމަށްވާ އެކްސްއެކްސްއެލް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެކްސްއެކްސްއެލް ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އެކްސްކުލޫޒިވް ޕާޓްނަރަކީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އައި ޓެން އިންޓަނޭޝަނަލްގެ އެވެ.
އެމްއެފްޑީއޭ އިން އައި ޓެން އިންޓަނޭޝަނަލް އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެކްސްއެކްސްއެލް ޑްރިންކްގައި ބަނގުރާ އެކުލެވޭތޯ ބެލުމަށް ކުރެވުނު ތަހުލީލުން އެ އުފެއްދުމުގައި ބަނގުރާ އެކުލެވިގެން ނުވާ ކަމަށެވެ.
އެކްސްއެކްސްއެލް އެނާޖީ ޑްރިންކަކީ މެދުއިރުމައްޗާއި ޔޫރަޕްގެ ގައުމުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނާޖީ ޑްރިންކެކެވެ.
އައި ޓެން އިންޓަނޭޝަނަލް އަކީ އުފެދުނުތާ އަހަރަކާ ދެމަސް ދުވަސް ވެފައިވާ އެކަމަކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކުންފުންޏެކެވެ. ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންދާ ނިއުޒިލެންޑްގެ މޮޅު ކިރެއް ކަމަށްވާ "މިލްކީގޯލްޑް" ރާއްޖެއަށް އެތެރެކުރާ ފަރާތަކީ ވެސް އައި ޓެން ކުންފުންޏެވެ.