އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައުލޫމާތު ޑިފެންސް މިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ މުއައްސަސާތަކާއި ހިއްސާކޮށްފި އެވެ.

މިބައްދަލުވުން ސިފައިންގެ ބަންޑާރަކޮށީގައި ކުރިއަށް ދިޔައީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭސީސީ އިން ބުނީ މިބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާއި އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކަމާ ގުޅުންހުރި ބޭފުޅުން ބައިވެރިވި ކަމަށެވެ.

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އޭސީސީގެ ރައީސް ހަސަން ލުތުފީއާއި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެސީސީ އިން ބުނީ މި ބައްދަލުވުމުގައި ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަގުސަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޑިފެންސް މިނިސްޓްރީއަށް އަދާކުރެވިދާނެ ދައުރާ ބެހޭ ގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީން ދީފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.