ވަނުއާޓޫގެ ވެރި ރަށް ޕޯޓް ވިލާގައި މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށި ހަބަރު ލިބުމުން ޓޮމް (އަސްލު ނަމެއް ނޫން) ދިޔައީ ސިހިގެންނެވެ. އަދި މިހަބަރު މިގޮތަށް ލިބުމުން ސިހިގެން ދިޔައީ ޓޮމް އެކަންޏެއް ވެސް ނޫނެވެ. އާންމުންގެ ތެރެއިން ގިނަ މީހުން ދެކެނީ މިއީ ވަނުއާޓޫގެ ގުދުރަތީ އަދި އިޖްތިމާއީ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ.

އެހިސާބުގަނޑުގައި ދިރިއުޅެމުންދާ މަސްވެރިން ގަބޫލުކުރާ ގޮތުގައި ވަނުއާޓޫގެ ހާބަރު ސަރަޙައްދުގައި ކާރޫބާރު ބޮޑުވުމުގެ ސަބަބުން އެމީހުންނަށް އެހިސާބުގައި ހިނގާބިގާނވެ އުޅެން ދަތިވާނެ އެވެ. އަދި މަސްވެރިކަން އިންޑަސްޓްރިއަލް ލެވެލްއެއްގައި ފެށުމުން އާދައިގެ މަސްވެރިން ބާނާ މަސްމަދުވެ ލިބޭ އާމްދަނީ ދަށްވުމުގެ ބިރު އެމީހުންނަށް ކުރިމަތިލާން ޖެހުނެވެ. އަދި ހަމައެހެންމެ ބާނާ މަސްތައް އެއްގަމު މަގުން އެތެރެކުރަން ޖެހުމާ މެދުވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕޯޓް ވިލާގެ ހަލަބޮލި މަގުތައް އިތުރަށް ތޮއްޖެހި، ގަދަ އަތްވާއި ހޫނުގެ އިތުރުން ވައިޖެހޭނަމަ މުޅި ސަރަހައްދުގައި އެއްވަހަކަށް މަސްވަސް ދުވާނެ އެވެ. މީގެ ހުރިހާ ތަކްލީފެއް ތަހައްމަލް ކުރަންޖެހޭނީ ޕޯޓް ވިލާގެ ރައްޔިތުންނެވެ.

މަސް ކެނޑުމާއި ޕްރޮސެސް ކުރަން ބޭނުން ކުރާ ފެން، ފަޅު ތެރެއަށް ދޫކުރަން ފެށުމަކީ ކުޑަކުދިން އާންމުކޮށް ފެތުމާއި ކުޅެން އުޅޭ ސަރަހައްދުތަކަށް މިޔަރު އައުން އެކަށީގެންވާ ކަމެކެވެ. އަދި މިމަސް ފެކްޓަރީގެ ސަބަބުން ވަނުއާޓޫގެ ގިނަ ރައްޔިތުން އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ގޯސް އަސަރުތަކެއް ކޮށް ގައުމުގެ އިގްތިސޯދަށް ނޭދެވޭ އަސަރުކުރާނެ އެވެ.

މި މަސް ފެކްޓަރީއަކީ ވަނުއާޓޫއާ ޗައިނާގެ ސަރުކާރާ ދެމެދު ހެދުނު ޖޮއިންޓް ވެންޗައެއްގެ ދަށުން އެއްވެސް ވަރަކަށް އާންމުންގެ ހިޔާލު ނުހޯދައި ފަށާފައިވާ ޕްރޮޖެކްޓެކެވެ. 2008 ވަނަ އަހަރު ޓޮމް ހިމެނޭހެން އާންމުންގެ ބަޔަކު ވެގެން ފެކްޓަރީގެ ސަބަބުން ތިމާވެޓަށް ކުރާނެ ގެއްލުން ދިރާސާ ކުރުމަށްޓަކައި އެސެސްމަންޓް ހެދުމަށް އަމުރެއް (ކޮންސެންޓް އޯޑަ) ހޯދި އެވެ. އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަކީ ތަފާތު އެކިއެކި ޕްރޮޖެކްޓްތަކުގެ ސަބަބުން މުޖުތަމައަށް ކުރާނީ ކޮންކަހަލަ އަސަރެއްތޯ ދެނެގަތުމަށް ގާނޫނުން ލާޒިމްކޮށްފައިވާ އެސެސްމަންޓެކެވެ.

އީއައިއޭ ހަދަން ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް މަސައްކަތް ފެށިފައި ނުވުމުގެ ސަބަބުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ވަނުއާޓޫގެ އެހީ ހޯދުމަށް އާންމުން ދިޔަ އެވެ. އެއާއެކު ކަމާބެހޭ އިދާރާތަކުން އެސެސްމަންޓްގެ މަސައްކަތް ކުރިއަށް ގެންދަން ފެށި އެވެ. ނަމަވެސް މި އެސެސްމަންޓް ހެދުމަށް ހަވާލުކުރެވިފައިވާ ފަރާތަކީ ބެއިޖިން އިން ފަންޑުކުރާ ބައެއްކަން އެނގުމާއި އެކު އާންމުންގެ މީހުން މުޒާހަރާ ކުރަން ފެށި އެވެ. އެހެންކަމުން އެސެސްމަންޓް ހެދުން ހުއްޓާލަން މަޖުބޫރިވި އެވެ.

މިމައްސަލާގައި ޝާމިލުވާ އާންމުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރުމުގެ އާޚިރު ނަތީޖާއަކަށް ވެގެން ދިޔައީ މިކޭސް ސުޕްރީމް ކޯޓާ ހަމައަށް ދިޔުމެވެ. އެންމެ ފަހުން ސުޕްރީމް ކޯޓުން ކަނޑައެޅީ އެސެސްމަންޓް ހަދަން ޖެހޭނީ މަސްލަހަތު ފުށުނާރާ މިނިވަން ފަރާތަކުން ކަމެވެ. ވަނުއާޓޫގެ ސަރުކާރުން މިހާރު ދަނީ އޮސްޓްރޭލިޔާގެ ތިމާވެއްޓާ ބެހޭ ގާނޫނީ މާހިރުންނާ އެކީ މިނިވަން އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މަސް ފެކްޓްރީގެ މަސައްކަތް ނިމިފައިވީ ނަމަވެސް ފެކްޓަރީ ހުޅުވޭނެކަން އެނގިގެންދާނީ އެސެސްމަންޓް ހަދާ ނިމުމުންނެވެ. މިކަމުންވެސް ދައްކައި ދެނީ އިންވެސްޓަރުންނާއި މުޖްތަމައުގައި ދިރިއުޅޭ އަފްރާދުންގެ ބޭނުންތަކާއި އެމީހުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށްޓަކައި ގާނޫނުތައް ހަދަންޖެހޭ ކަމާއި ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ފެށިގެންދާއިރު ރައްޔިތުންގެ ބަސް ހިމެނޭނެހެން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ނިންމުމުގެ މުހިއްމު ކަމެވެ.