ރަގަޅު ތައުލީމަކާއެކު، ސިއްހަތު ރަގަޅުވެގެން ނޫނީ މަސައްކަތްތެރި މައިދާނެއްގައި ނޫޅެވޭނެ ކަމަށް މައި ކޮލެޖުގެ ރެކްޓަރ ޑރ. އާމާލް އަލީ ވިދާޅުވެއްޖެއެވެ.

އާމާލް މިހެން ވިދާޅުވީ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ.

އާމާލް ވިދާޅުވީ ރާއްޖޭގެ ބިނާކުރަނަވި ތަރައްގީއަށް އެންމެ ރަނގަޅުވާނީ ރާއްޖޭގެ މީހުން ކަމަށާއި، ތަރައްގީ ފަރުމާ ކުރެވޭނީ ސިއްހަތު ރަގަޅު ޖީލެއް އުފެއްދިގެން ކަމަށެވެ.

" ދާދި ފަހަކުން ހިންގި ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެެއިން 100 ކުދިންނަށް ލޭ ހަދިޔާ ކުރެވޭނެ ކަމަށް އުންމީދު ކުރިން، އެކަމަކު ލޭ ހަދިޔާ ކުރެވޭ ހާލަތުގައި ތިބީ 21 ކުދިން" އާމާލް ވިދާޅުވިއެވެ.

އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ ސިއްހަތު ވެސް ރަގަޅު ނޫންކަން އާމާލް ފާހަގަކުރެއްވިއެވެ.

ޑރ. އާމާލް ވިދާޅުވީ ސިއްހަތުގެ އިތުރަށް ކުދިންގެ ކިބައިގައި ރަގަޅު އަޚްލާގެއް ހަރުލެއްވުމަށް ވެސް އިސްކަންދޭން ޖެހޭ ކަމަށާއި، އަޚުލާގީ މިންގަނޑުތައް ކިޔަވައިދޭ ކޯހެއް ރާއްޖޭގައި ފަރުމާކުރަން ޖެހޭ ކަމަށެވެ.