އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބަންޑާރަ ނާއިބު މުހައްމަދު އަނިލް ޔޫރަޕިއަން ޕާލަމަންޓުގައި ދެކުނު އޭޝިޔާއަށް ކަނޑައަޅާފައިވާ ވަފުދުގެ ރައީސް ޖީން ލަމްބާޓާއި ބައްދަލުކުރައްވައިފިއެވެ.

ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ޕާލަމަންޓުގެ އިދާރާގައި ބޭއްވި މި ބައްދަވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ލަމްބާޓަށް ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ގައުމުގެ ހަމަޖެހުމާއި ސުލްހަ ދަމަހައްޓައި މުއައްސަސާތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ދެވިފައިވާ ކަމަށެވެ.

މީގެ އިތުރަށް ޔޫރަޕިއަން ޕާލަމަންޓް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން ވެސް ފޮރިން މިނިސްޓަރުގެ ވާހަކަފުޅުފައި ފާހަގަކުރެއްވިއެވެ.