މާލޭގެ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި ބްރިޖު އެޅުމުގެ މަަސައްކަތް ހިނގަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރިއުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ނިމެންދެން އެސަރަހައްދަށް މޫދަށް އެރުން މަނާ ކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ މާލޭ އިރުމަތީ ފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި ބްރިޖުގެ މަސައްކަތް ކުރުމަށް ބޮޑެތި ބޯޓް ތަކެއް ބްރިޖު މަސައްކަތަށް ބޭނުންވާ ސާމަނާ އެކު ހަރަކާތްތެރިވަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރުން އެއީ ރައްކާތެރިކަމަށް ނުވާތީ އިއްޔެއިން ފެށިގެން އެ ސަރަހައްދަށް މޫދަށް އެރުން މަނާކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އެހެން ގޮތްތަކެއް ހޯދައިދޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.