ރާއްޖެއަށް އަލުން ވަޑައިގަންނަވާނީ ރާއްޖޭގެ ސިޔާސީ ހާލަތު ރަނގަޅުވުމުން ކަމަށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާ ނަމަވެސް ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ މަސްރަހް ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިއްބެވި ސިޔާސީ ކުށްވެރިން މިނިވަންކުރަން ޖެހޭ ކަމަށާ އެކަމަށްޓަކައި މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

އެ މުއްދަތު ހަމަވެފައިވާއިރު، ބޭސްފަރުވާގެ މުއްދަތު އިތުރު ދެ މަހަށް އިތުރުކޮށްދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގެން ގައުމަށް ހިދުމަތްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވީ ނަމަވެސް ރާއްޖެ ވަޑަައިގެންފިނަމަ ޖަލު ހުކުމް މައާފްކޮށް ނުދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށާ އަދި ރައީސް ޔާމީން ސިޔާސީ ކުށްވެރިންނަށް މައާފްދެއްވަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ގައުމު ތަރައްގީކުރުމުގައި ބައިވެރިވުމަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ނަޝީދަށް ދައުވަތު ދެއްވަމުންނެވެ. އަދި ނަޝީދު ރާއްޖެއިން ބޭރުގައި ހުންވައިގެން ކުރައްވާ ބަައެއް މަސައްކަތްތަކާއި ދައްކަވާ ވާހަކަތަކުގެ ސަބަބުން ދިވެހި ގައުމަށް ގެއްލުން ލިބެމުންދާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.