ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ހައްޔަރުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އަޑުބަރޭ ދޫކޮށްލާފައިވަނީ އެންމެ ފަހުން ކޯޓުން އޭނާގެ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ގާޒީ ބާރީގެ ފޮޓޯ ނަގާ އިންޒާރު ދިން ކަމަށް ބުނެ އަޑުބަރޭ ހައްޔަރުކުރި ފަހުން ދެ ފަހަރެއްގެ މަތިން އަޑުބަރޭގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވެ އެވެ.

މާޒިޔާގެ މިޑްފީލްޑަށް ކުޅޭ އަޑުބަރޭ ހައްޔަރުކުރީ އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް އެ ޓީމު ކުޅުމަށްޓަކައި އިންޑިއާ އަށް ފުރަން ހަމަޖެހިފައި އޮއްވަ އެވެ. އޭނާ ނެތުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް މާޒިޔާ އިން ވަނީ ބުނެފަ އެވެ.