ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން މިއަދު ދޫކޮށްލައިފި އެވެ.

މުހުތާޒު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

މުހުތާޒު މިއަަދު ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަންގައިގެންނެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކަށް އެންމެ ފުރަތަމަ މުހުތާޒު ހައްޔަރުކުރީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ އޭނަ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މުހުތާޒު ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ބަންދުކުރަން އަމުރުކޮށް އޭނާގެ ބަންދަށް ހައިކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ދިނީ މިދިޔަ މަހުގެ ނުވަވަަނަ ދުވަހުގެ ރެ އެވެ.

އޭގެފަހުން އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. މުހުތާޒު މިއަަދު ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ދިން 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަންގައިގެންނެވެ.

މުހުތާޒު ކޯޓުން ދޫކޮށްލިއިރު އޭނާގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް މުހުތާޒުގެ ވަކީލު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން މުހުތާޒުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

މުހުތާޒުއާއި އެކު އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހްމަދު ނިހާން (30އ) ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

މި ލިޔުމުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި މާލެއިން ބަޔަކު އަތޮޅު ތެރޭގެ ރަށަކަށް ގޮސް އެރޭ މެންދަމުން 3:00 ހާއިރު މާމިގިލި މެޖިސްޓްރޭޓާ ބައްދަލުކޮށް ސައްހަ ނޫން ލިޔުމެއް ހޯދާފައިވާ ކަމަށެެވެ. އަދި އެލިޔުން މާލޭގެ މަގެއްގެ މަތީގައި ބޭއްވުމަށްފަހު ފުލުހުންނާ އެ ލިޔުން ހަވާލުކޮށް، ރައީސް ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކަން ދައްކުވަން ވެގެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެކްޓިވިސްޓުން ތަކެއް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވާ އެލިޔުން ފުލުހުންގެ ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތްކޮށް، މައްސަލައަކާ ގުޅިގެން ފުލުހުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދާކަން ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވޭ،" ރިޔޒު ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ވާހަކައެއް ނަޝީދު ދެއްކެވި ކަމަށާއި އެމަނިކުފާނު ގުޅުއްވީ އެމްއެންޑީއެފްގެ ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ކަމަށެވެ.

މި ލިޔުމުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.