ވެރިކަން ކުރާ ޕާޓީގެ ކެމްޕޭންތަކަށް ނަހަމަ ގޮތުގައާއި ކަޅުފައިސާ ބޭނުންކޮށް ހަރަދުކޮށްފައިވާ ކަމުގެ ތުހުމަތުތަކެއްގައި ބުރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ހައްޔަރުކޮށްފި އެވެ.
ބްރެޒިލްގެ ފުލުހުން ބުނީ ތަހުގީގަށް ކުރީގެ ރައީސް ހައްޔަރުކުރީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯލިއޯ ބްރާސީލެއިރޯ އެސްއޭ އިންނާއި ލަގުޒަރީ ރިއަލް އެސްޓޭޓުތަކުން ނަހަމަ ފައިސާ ނަގައި އޭގެ ބައެއް ލޫލާ ނަންގަވާފައިވާ ކަަމުގެ ހެކި ލިބިފައިވާތީ ކަމަށެވެ.
ލޫލާ ހައްޔަރު ކޮށްފައިވާއިރު ފުލުހުން ގެންދަނީ ބުރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބޮޑެތި ވިޔަފާރިތަކުގެ ވެރިންގެ ތަހުގީގެއް ވެސް ހިންގަމުންނެވެ. އަދި މި މީހުންނަކީ ބުރެޒިލްގެ ވެރިކަން ވާކާސް ޕާޓީން މީގެ 13 އަހަރު ކުރީން ވެރިކަމަށް އައުމުގައި ސިޔާސީ ފަރާތްތައް ބާރުގަދަކޮށް ދިނުމާއި އެޕާޓީ ވެރިކަމަށް ގެނެސްދިނުމުގައި ތަފާތު ދައުރުތައް އަދާކޮށްދީފައިވާ ފަރާތްތައް ކަމަށް ބުނެ އެވެ.
ބުރެޒިލްގެ ފުލުހުން ބުނީ ލޫލާ ހައްޔަރުކުރުމަށްފަހު އޭނާއާއި ސުވާލު ކުރަމުންދާ ކަމަށާ އޭނާގެ ގެއާއި އޭނާއާއި ގުޅުންހުރި ވަރަށް ގިނަ ތަންތަން ފާސްކުރަމުން ގެންދާ ކަމަށެވެ.
ސިލްވާގެ ތަރުޖަމާނު ހޯސޭ ކުރިސްޕިންޏާނޯވެސް ވަނީ ލޫލާ ހައްޔަރު ކުރިކަމާއި ސާއޯ ބާނާޑޯ ޑަ ކޮމްޕޯގައި ހުންނަ ލޫލާގެ ގެއަށް ފުލުހުން ވަދެ އެތަން ފާސްކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ޚައިރާތަށް މަސައްކަތްކުރުމަށް ލޫލާ އުފައްދާފައިވާ އިންސްޓިޓިއުޓް ފާސްކޮށް ތަހުގީގުކުރަން ފަށާއިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެނާ އިތުރަށް ވިދާޅުވީ ފުލުހުން އެކަން ކުރަމުންދަނީ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ފުލުހުންގެ ސުވާލުތަކަށް ލޫލާ ޖަވާބު ދޭން އެ އަމުރުގައި ލާޒިމްކުރާ ކަމަށްވެސް ވިދާޅުވި އެވެ. ސަބަބަކީ އެ ތަހުގީގަކީ ބުރެޒިލްގެ ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނީގެ ކަރަޕްޝަނާއި ގުޅިފައިވާ އެތައް ބިލިއަން ޑޮލަރެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ލޫލާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން އެކަމުގެ އަސަރު ބުރެޒިލްގެ ރައީސް ދިލްމާ ރޫސެފަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން އެއް ދުވަސްވަރެއްގައި ލޫލާގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރޫސެފަށް ވެސް ވަނީ އިތުބާރުނެތް ކަމުގެ މައްސަލަތަކާއި ކުރިމަތިވެވަޑައިގެންފަ އެވެ. އެގޮތުން ބަޖެޓުގެ ފޫނުބެދި ހުރި ކަންތައްތަކެއް ފޫބެއްދެވުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރައްވާފައިވާ ކަމަށް ތުހުމަތު ކޮށް ރޫސެފްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބުރެޒިލުގެ ސެނެޓުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ރޫސެފް ވަނީ މިކަން ދޮގު ކުރައްވާފަ އެވެ.