އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލް މަރާމާތުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހުގެ 11:30 ގައި އެކުންފުނީގެ ކޯޕަރޭޓް އޮފީހުގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހަޅަން ދީފައިވާ ސުންގަޑިއަކީ މި މެހުގެ 23 ވަނަ ދުވަހުގެ 11:30 އެވެ. ނަމަވެސް ބިޑް ހުށަހަޅަން ފުރުސަތު ލިބޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އިއުލާންގައިވެ އެވެ.
"ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑު ކުރެވޭނެ އެވެ،" އެމްއޭސީއެލްގެ އިއުލާންގައިވެ އެވެ.
އައިއެންއައިއޭ ތަރައްގީކުރުމަށްޓަކައި އެތަނުގައި މިހާރު ވެސް 700 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށްވެސް އެމްއޭސީއެލް ވަނީ ބުނެފަ އެވެ.