ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މެމްބަރުންގެ މާލީ ބަޔާން ހާމަކުރަމުން ގެންދިއުމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ފަޒްލާ އަބްދުއްސަމަދު ވިދާޅުވީ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް މެންބަރުން ހުށަހަޅުއްވާ މާލީ ބަޔާންތައް ހާމަކޮށް އާއްމު ރައްޔިތުންނަށް ފެންނަން ހުންނާނެހެން ހެދުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ކުރުމަށް ގޮވާލާ ކަމަށްވެސް ވިދާޅުވި އެވެ.

ފަޒްލާ ވިދާޅުވީ މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަައް އަދާކުރައްވާ ފަރާތްތަކުގެ މާލީ ބަޔާން ހުށަހަޅައި އާންމު ކުރުމަކީ އެފަދަ ފަރާތްތައް ޒިންމާދާރުކުރުމަށް ވަރަށް ބޮޑަށް ބާރުއެޅޭނެ ކަމެއް ކަމަށެވެ. އަދި މާލީ ބަޔާން ހާމަކުރާ ގައުމުތަކުގައި ކޮރަޕްޝަން މަދުކަމަށް ރައްޔިތުންވެސް ދެކޭއިރު މެންބަރުންނާއި މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްވެސް އެފަދަ ބަޔާންތައް އާންމުކުރުން މުހިއްމު ކަމަށް ފަޒްލާ ވިދާޅުވި އެވެ.

މެންބަރުންގެ މާލީ ބަޔާން ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އާންމުކުރަން ޓްރާންޕޭރެންސީ މޯލްޑިވްސް އިން ގޮވާލާފައިވާއިރު، އެޖަމިއްޔާއިން ދަނީ "ހާމަކުރޭ" ނަމުގައި މާލީ ބަޔާން އާންމުކުރުމަށް ބާރުއަޅައި މިދިޔަ އަހަރުން ފެށިގެން ސޯޝަލް މީޑިޔާގައި ކެމްޕެއިން އެއް ހިންގަމުންނެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހެ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މާލީ ބަޔާން އާންމުކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަން ކުރެއްވި އަބްދުﷲ އަބްދުއްރަހީމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް އެ ބޭފުޅުންގެ މާލީ ބަޔާންތައް އާންމުންނަށް ފެންނާނެހެން އާންމުކުރައްވާފައިވެ އެވެ.