ސޫރިޔާ – ތުރުކީ ގުޅޭ އިމުގައި ސޫރިޔާގެ އުތުރުގައި "ރެފިއުޖީ ސިޓީ" ގެނަމުގައި ސިޓީއެއް ބިނާކުރަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުށަހަޅުއްވައިފިއެވެ.
ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ ސޫރިޔާގެ އެތައް މިލިއަން ރައްޔިތުން އެ ސިޓީގައި ވަޒަންވެރި ކުރުވޭނޭ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.
އިސްތަމްބޫލްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ، ސޫރިޔާ – ތުރުކީ އިމުގައި "ރެފިއުޖީ ސިޓީ" ގެ ނަމުގައި ސިޓީއެއް ބިނާކުރުމުގެ ޚިޔާލާ ބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާވެސް މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ.
ރައީސް އުރުދުޣާންއާ ހަވާލާދީ ތުރުކީގެ އަންޓޯލިއާ ނޫސް އޭޖެންސީން ބުނެފައިވަނީ، ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު، ސޫރިޔާގެ އުތުރުގެ 4500 ސްކޮޔަރ ކިލޯމީޓަރު ސަރަހައްދެއްގައި މި ސިޓީ ބިނާކުރެވިދާނެ ކަމަށެވެ. އަދި އެ ސިޓީގައި ރެފިއުޖީން އަލުން އާބާދު ކުރެވިދާނެ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވެފައި ވެއެވެ.
ސޫރިޔާގެ އެތެރޭގައި "ސޭފް ޒޯން" އެއް ގާއިމްކުރުމަށް ހުޅަނގުގެ އެކުވެރިންގެ އެހީތެރިކަމަށް އެދި ތުރުކީން ތަކުރާރުކޮށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެއީ، އެފަދަ ޒޯނެއްގައި ސޫރިޔާގެ ރެފިއުޖީންނަށް ރައްކާތެރި ކަމާއެކު ތިބެވޭނެތީއެވެ.
ނަމަވެސް، މިފަހަރަކީ، ސޫރިޔާގެ އެތެރޭގައި ރެފިއުޖީންނަށްޓަކައި ދާއިމީ ސިޓިއެއް ބިނާކުރައްވަން ތުރުކީގެ ރައީސް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ.
ސޫރިޔާގައި ހިގަމުންދާ އެތައް އަހަރެއްވީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެތައް މިލިއަން ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން 2.7 މިލިއަން ރެފިއުޖީން ދިރިއުޅެމުންދަނީ ތުރުކީގައި ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ.
ސޫރިޔާގެ ރެފިއުޖީން ބެލެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ކުޑަކަމަށް ބުނެ ތުރުކީން ޝަކުވާ ކުރަމުންވެސް ގެންދެއެވެ.