ދީނީ މިނިވަންކަމުގެ ހާލަތު އޮންނަ މިންވަރު ދެނެގަތުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތް ކުރާ އެމެރިކާ ސަރުކާރުގެ ޓީމު އިންޑިއާއަށް އެރުމަށް ވިސާދޭން އިންޑިއާ ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ނިއުދިއްލީގައި ހުންނަ އެމެރިކާ އެމްބަސީންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އެމެރިކާ ސަރުކާރުގެ "ކޮމިޝަން އޮން އިންޓަރނޭޝަނަލް ރިލިޖަސް ފްރީޑަމް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ދީނީ މިނިވަންކަމާ ޚިލާފަށް ގައުމުތަކުގައި ހިންގާ ކަންކަން ބަލައި ދިރާސާކޮށް އެކަމުގެ ރިޕޯޓްތައް އެމެރިކާ ސަރުކާރަށް ހުށަހަޅާ ކޮމިޝަނެކެވެ. އެގޮތުން، އެ ކޮމިޝަންގެ ރިޕޯޓްތަކަށް ބަލައި އެމެރިކާ ސަރުކާރުން ގައުމުތަކާމެދު އަމަލުކުރާނެ ސިޔާސަތުތައް ކަނޑައަޅައެވެ.
"ކޮމިޝަން އޮން އިންޓަރނޭޝަނަލް ރިލިޖަސް ފްރީޑަމް" ގެ ޗެއަރމަން ރޮބަރޓް ޖޯޖް ވިދާޅުވީ، މީގެ އެތަކެއް ދުވަހެއް ކުރިން އިންޑިއާއަށް ދަތުރުކުރުމަށް ރޭވިފައި އޮތް ނަމަވެސް، އެ ކޮމިޝަންގެ މެމްބަރުންނަށް އިންޑިއާއަށް އެރުމަށް ވިސާދޭން އިންޑިއާ ސަރުކާރުން ދެކޮޅުހަދާފައިވާ ކަމަށެވެ.
ދުނިޔޭގައި ދީނީ މިނިވަންކަމަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ އެމެރިކާ ގަބޫލުކުރާ ޕާކިސްތާން، ސައުދީ އަރަބިއްޔާ، ވިއެޓްނާމް އަދި ޗައިނާއަށްވެސް އެ ކޮމިޝަންގެ މެމްބަރުން ދަތުރު ކޮށްފައިވާކަމަށް ޖޯޖް ވިދާޅުވެފައި ވެއެވެ.
އެކޮމިޝަނަށް އިންޑިއާއަށް އެރުމަށް ވިސާދޭން ދެކޮޅުހެދި މިދަނޑިވަޅަކީ، އިންޑިއާގައި މިހާރު ވެރިކަންކުރާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ހަރުކަށި ބީޖޭޕީން ދީނީ ހަރުކަށި ވިސްނުމުގެ މާހައުލެއް އުފައްދަމުންދާ ކަމަށް ބުނެ އެތައް ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ. 2014 ވަނަ އަހަރުން ފެށިގެން ދީނީ މިނިވަންކަމުގެ ހާލަތު އިންޑިއާގައި ގޯސްވަމުންދާ ކަމަށް މަދަނީ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.
ގެރިމަސް ކާކަމަށްބުނެ ހިންދޫ ހަރުކަށި ބަޔަކު ދާދިފަހުން ވަނީ މުސްލިމުންތަކެއް މަރާލާފައެވެ. އެކަމާ ގުޅިގެން ހިންދޫންނާއި މުސްލިމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ވަނީ ހިނގާފައެވެ.
އެމެރިކާގެ ޓީމަށް ވިސާދޭން ދެކޮޅު ހެދި މައްސަލާގައި ވޮޝިންޓަންގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދީނީ މިނިވަންކަމަކީ އިންޑިއާގެ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި، އެކަމާބެހޭގޮތުން ބޭރުގެ ބަޔަކު އިންޑިއާއަށްގޮސް ބަލާނެ އިތުރުކަމެއް ނޯންނާނެ ކަމަށެވެ. އެހައްގު ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށެވެ.
"ކޮމިޝަން އޮން އިންޓަރނޭޝަނަލް ރިލިޖަސް ފްރީޑަމް" ގެ މެމްބަރުން އިންޑިއާއަށް ދިއުމަށް ވިސާދޭން އެގައުމުން މީގެކުރިންވެސް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް، ވިސާ ހޯދަން އަދިވެސް މަސައްކަތް ކުރާނޭ ކަމަށް ބުނެފައި ވެއެވެ.