ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނަކީ އެ މެމްބަރުންގެ ޒާތީ މައުލޫމާތުގެ އިތުރަށް އަމިއްލަ މަސްލަހަތު ހިމެނޭ އެއްޗަކަށްވުމުން މެމްބަރުންގެ މާލީ ބަޔާން އާންމުކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖީލީހުން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިހެން ބުނެފައިވަނީ މެންބަރުން މާލީ ބަޔާން ހުށައަޅާތޯ ސާފްކުރުމަށް އަމިއްލަ ފަރާތުން މަޖިލީހަށް ހުށައެޅި ސިޓީއަކަށް ޖަވާބު ދެމުންނެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ތޭވީސްވަނަ މާއްދާގެ ހ ގެ ދަށުން އެކަން ކުރެވެން ނެތްކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނަކީ އެ މެމްބަރުންގެ ޒާތީ މައުލޫމާތުތައް ހިމެނޭ ބަޔާނެއްކަމަށާ އަދި އަމިއްލަ މަސްލަހަތު ހިމެނޭ އެއްޗަކަށްވުމުން މެމްބަރުންގެ މާލީ ބަޔާން އާންމުކުރެވެން ނެތް ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫންގެ ތޭވީސްވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިން ވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތެއް އެ ތިންވަނަ މީހާގެ ރުހުމާއި އެކު މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެން ނުވާނެކަމަށެވެ.

މެންބަރުންގެ މާލީ ބަޔާނާއި ގުޅޭގޮތުން މަޖިލީހުން މިގޮތަށް ޖަވާބު ދެއްވާފައިވާއިރު، މެންބަރުންގެ މާލީ ބަޔާން ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އާންމުކުރަން ޓްރާންޕޭރެންސީ މޯލްޑިވުސް އިންގޮވާލާފައިވާއިރު، އެޖަމިއްޔާއިން ދަނީ "ހާމަކުރޭ" މި ނަމުގައި މާލީބަޔާން އާންމުކުރުމަށް ބާރުއަޅައި، މިދިޔަ އަހަރުން ފެށިގެން ސޯޝަލް މީޑިޔާގައި ކެމްޕެއިނެއް ހިންގަމުންނެވެ.

މީގެ އިތުރަށް ބައެއް މެންބަރުން ގެންދަަވަނީ އެ މެންބަރުން މަޖިލީހަށް ހުށައެޅުއްވި މާލީ ބަޔާންތައްވެސް އާންމުކުރުމަށް އެދެމުންނެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެބަޔާން އާންމުކުރައްވަން ޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.

ހިނގަމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މާލީ ބަޔާން އާންމުކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ.

މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަން ކުރެއްވި އަބްދުﷲ އަބްދުއްރަހީމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް އެ ބޭފުޅުންގެ މާލީ ބަޔާންތައް އާންމުންނަށް ފެންނާނެހެން އާންމުކުރައްވާފައިވެއެވެ.