ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ފުލުހުންގެ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ.

މުހުތާޒް ރޭ ދޫކޮށްލުމާއި ގުޅިގެން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކުރުމާއި ގުޅިގެން އެ މައްސަލަ ބަލައިގަނެ މިރޭ ފުރަތަމަ އަޑުއެެހުން ބާއްވަން ވަނީ ނިންމާފައެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މުހުތާޒާއި ނިހާނުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ޕީޖީ އަށް ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ.

މުހުތާޒާއި ނިހާނުގެ މައްޗަށް ކުރަން ނިންމާފައިވަނީ ސައްހަނުން ކޯޓު އަމުރެއް ނެރުނުކަމުގެ ދައުވާގެ އިތުރުން ދައުލަތުގެ ސިއްކަ ޖެހި ލިޔުމެއް ފޯޖްކުރިކަމުގެ ދައުވާއެވެ.

އިއްޔެގެ ވަގުތެއްގައި މުހުތާޒް ދޫކޮށްލި ނަމަވެސް ނިހާންގެ ބަންދަށް ހައިކޯޓުން ވަނީ 7 ދުވަސް އިތުރުކޮށްދީފައެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

ކ. މާފުށީ ކޯޓުގެ ނަމުގައި އދ. މާމިގިލީ ކޯޓުން ރައީސް ޔާމީން ހައްޔަރުކުރުމަށް ލިޔުން ތައްޔާރުކުރުމަށް ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 ހާއިރު މުހުތާޒް ލޯންޗެއްގައި މާމިގިއްޔަށް ވަޑައިގެންފައިވާ ކަމަށާއި އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މެޖިސްޓްރޭޓް ނިހާނާ ގުޅިގެން އެރޭ އެ ކޯޓު ހުޅުވައި، ސައްހަ ނޫން އަމުރެއް ތައްޔާރުކުރި ކަމަށް ހައިކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

އަދި ރައީސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި، އެއީ ފުލުހުން އެދިގެން ނެރެފައިވާ އަމުރެއް ކަމަށް ލިޔެފައި އޮތަސް އެފަދައަމުރަކަށް ފުލުހުން އެދިފައިނުވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.