ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދުކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.

މުހައްމަދު އަބްދުލްކަރީމްގެ ކުރިން ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ އޭނާގެ މާލީ ބަޔާން އާންމުކުރައްވާފަ އެވެ.

މިހާރު ކުރިއަށްދާ 18 ވަަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން މި ދެ ބޭފުޅުން ފިޔަވާ އިތުރު ބޭފުޅަކު އަދި މާލީ ބަޔާން ހާމަކުރައްވާފައެއް ނުވެ އެވެ.

ރުކުމާގެ ފޭސްބުކް ޕޭޖުގައި އާންމުކުރައްވާފައިވާ މާލީ ބަޔާނަށް ބަލާއިރު އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހުވާ އޭނާ ކުރެއްވި ތާރީހު ކަމުގައިވާ 28 މެއި 2014 އިން 27 މެއި 2015ގެ ނިޔަލަށް އެއް އަަހަރަށް ތައްޔާރުކުރައްވާފައިވާ މާލީ ބަޔާނެކެވެ.

މުހައްމަދު އަބްދުލް ކަރީމްގެ މާލީ ބަޔާނަށް ބަލާއިރު މިމުއްދަތުގައި އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 968،406.00 ރުފިޔާ އެވެ. އެއީ މިމުއްދަތުގައި އޭނާ އަށް މަޖިލީހުގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 636،200.00ރ. އާއި ރަމަޟާން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވި 10،000.00 ރ. އާއި އަމިއްލަ ވިޔަފާރިން ލިބިވަޑައިގެންނެވި 322،000.00 ރުފިޔާ އާއި ބޭންކް އިންޓަރެސްޓްގެ ގޮތުގައި ލިބިވަޑައިގެންނެވި 206 ރުފިޔާ ހިމެނެ އެވެ.

ރުކުމާގެ އާއިލީ އަދި އަމިއްލަ ދިރިއުޅުމަށް ހަރަދުގެ ގޮތުގައި 498،613.00 ރުފިޔާ ހޭދަކުރައްވާފައިވާއިރު އެކިއެކި ފަރާތްތަކަށް ހިލޭ އެހީގެ ގޮތުގައި 458،613.00 ރުފިޔާ ދެއްވާފައިވާ ކަމަށްވެސް މާލީ ބަޔާނުގައިވެ އެވެ.

މާލީ ބަޔާން ތައްޔާރުކުރައްވާފައިވާ މުއްދަތަށް ބަލާއިރު ހުރިހާ ހަރަދެއް ކެނޑުމަށްފަހު ރުކުމާގެ މިލްކިއްޔާތުގައި ޖުމްލަ ހުރީ 13،130.85 ރުފިޔާ އެވެ. މީގެ އިތުރުން އޭނާގެ މިލްކިއްޔާތުގައި ހުރީ އެއާ ބްލޭޑް ބްރޭންޑުގެ ސައިކަލެއް އެކަންޏެވެ.

ރުކުމާ މުހައްމަދު އަބްދުލް ކަރީމް ހިއްސާވާ ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާއިރު ރުކުމާ އެޑްވަޓައިޒިންގެ ނަމުގައި ރަޖިސްޓްރީ ކުރައްވާފައިވާ ކުންފުންޏަކާއި އޭނާ 90 ޕަސަންޓް ހިއްސާވާ ގޮތަށް ރަޖިސްޓްރީކުރައްވާފައިވާ ނިއު ޕާމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހެ އެވެ.