ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީއަށް މަރުގެ އިންޒާރު ލިބުނު ކަމަށް ބުނެ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ މެޓްރޯ ނޫހުގައި ބުނެފައިވަނީ ގޮތުން އަމާލްއަށް މަރުގެ އިންޒާރު ލިބުނީ ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން މެސެޖެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

މިމައްސަލައާއި ގުޅިގެން 38 އަހަރުގެ އަމާލްގެ ފިރިމީހާ އަދި މަޝްހޫރު ފިލްމީ ތަރި ޖޯން ކުލޫނީ ވަނީ އިނގިރޭސިވިލާތުގައި އަމާލް ދިރިއުޅުއްވާ ސަރަހައްދުގައި ކެމެރާއަށް ހަރުކުރުމުގެ ހުއްދައަށް އެދިފަ އެވެ. އަދި އަމާލް ދިރިއުޅޭ ޑިސްޓްރިކްޓް ކަމަށްވާ އޮކްސްފޯޝަޔާގެ ކައުންސިލުން ވަނީ އެސަރަހައްދުގައި އިތުރު ކެމަރާ ހަރުކުރަން މިހާރު ހުއްދަ ދީފަ އެވެ.

އޮކްސްފޯޝަޔާގެ ކައުންސިލަރު ޕައުލް ހޭރިސަންއާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ ކެމެރާ ހަރުކޮށް އަމާލްގެ ސެކިއުރިޓީ ވަރުގަދަކުރަން ހުއްދަ ދިނީ އޭނާ ކުރައްވާ ގާނޫނީ މަސައްކަތްތަކާއި ގުޅިގެންނާއި މަރުގެ އިންޒާރާ ގުޅިގެން ކަމަށެވެ.

އަމާލް މީގެ ކުރިން ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ބައްދަލުކުރައްވާ ރާއްޖޭގެ ވަކި ބޭފުޅުންކޮޅަކަށް ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ޖަލުން މިނިވަންކުރުމަށާއި އެމަނިކުފާނު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދިވެހި ސަރުކާރުން ހުއްދަ ދެން އަމާލް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުހިއްމު މަސައްކަތްތަކެއްވެސް ކުރައްވާފައިވެ އެވެ.