މެލޭޝިއާގައި މިހާރު ކުރިއަށްދާ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އިއްޔެ ކުޅުން މެޗުން މޮޅުވެ ތިން ވަނަ ހޮވާ މެޗުން ޖާގައެއް ހޯދައިފި އެވެ.

މިމެޗް ރާއްޖެއިން ކާމިޔާބުކުރީ ހޮންކޮންގެ ލޮ ކޮންގް ޓިންގްއާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ރާއްޖޭން ގެންދިޔައީ 25-14، 25-13، 20-25 އަދި 25-16 އިންނެވެ.

ރާއްޖެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބީއެޗްއެލް ޗައިނީސް ޓައިޕެއީ އަތުން ބަލިވިއިރު ދެ ވަނަ މެޗުން މެލޭޝިއާގެ ކްލަބެއް ކަމަށްވާ އައިސީޕީ އަތުން މޮޅުވި އެވެ. ތިން ވަނަ މެޗުން އިއްޔެ ރޭ ބަލިވީ މެލޭޝިއާ ގައުމީ ޓީމު އަތުން 3-2 އިންނެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި މެލޭޝިއާ އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އާއި ހޮންކޮން އާއި ތައިލެންޑް އަދި ސިންގަޕޯ އެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމްވަނީ ބޭރުގެ މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނެރެފައެވެ.