ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވެސް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތަނުގެ ދެ ނޫސްވެރިޔަކު މިއަދު ކްރިމިނަލް ކޯޓުގައި އޮތް ދެ އަޑުއެހުމަކަށް ވަނުމަށް ދިއުމުން ނުވަދެވޭނެ ކަމަށް ކޯޓުގެ މުވައްޒަފުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުން ވަންނަން ބޭނުންވި އެެއް އަޑުއެހުމަކީ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގެ އަޑުއެހުން. އަޅުގަނޑުމެންނަށް ވުރެ ވަކިން ބޮޑަށް އެ އަޑުއެހުމަށް ވަނުމަށް އައުލާކަން ބޮޑު ބައެއް ނުތިބޭނެ ނޫންތޯ؟ އެކަމަކު ނުވެއްދި. ދެން އަޅުގަނޑުމެން މި މަސައްކަތް ކުރީ މިއަދު އޮންނަ ކުރީގެ ނައިބް ރައީސް އަދީބުގެ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން. އެކަމެއް ވެސް ނުވި. އެކަމަކު ނުވައްދަން ނިންމި ވަކި ސަބަބެއް ނުބުނި،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީ ނުވައްދަން ނިންމި މައްސަލަ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ކަންބޮޑުވުން ފާޅުކޮށްލުން ފިޔަވާ އެ މުއައްސަސާތަކަށް ވެސް މިއަދު މާބޮޑު ކަމެއް ކުރެވިދާނެ ކަމަށް ދެކެެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓްގައި ކުރިއަށްދާ އަޑުއެހުންތަކަށް ރާއްޖެ ޓީވީ ނުވައްދަން ނިންމާފައި މިވަނީ ކްރިމިނަލް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގުޅޭގޮތުން އެ ސްޓޭޝަނުން ދާދިފަހުން ރިޕޯޓެއް ތައްޔާރުކޮށް އޮންއެއާ ކުރި ފަހުންނެވެ.

ކްރިމިނަލް ކޯޓަށް "ވީނިއުސް" ހިމެނޭ ގޮތުން އިތުރު ދެ މީޑިއާ އެއް ވަނުންވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އެގޮތަށް ނިންމީ ގާޒީ ބާރީ މަގުމަތީގައި ހުންނަވަނިކޮށް މީޑިއާތަކުން ފޮޓޯއެއް ނެގިފަހުންނެވެ.