ކ. ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި އެންޓަނާ ޖަހަން އަމިއްލަ ކުންފުންޏަކާ ބިމެއް ހަވާލުކޮށްފައި ވަނިކޮށް، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އަމިއްލަ ފައިދާ އަށް އޭނާގެ ގޯތީގައި އެންޓަނާ ޖެހި މައްސަލާގައި ކޮރަޕްޝަންގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވައިފި އެވެ.

މިމައްސަލައާއި ގުޅިގެން އޭސީސީ އިން ނެރުނު ބަޔާނުގައި ކައުންސިލަރުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީ އިން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި ޕްރައިވެޓް ކުންފުންޏެއްގެ އެންޓަނާ ޖަހާނެ ބިމެއް އެފަރާތަށް ކުއްޔަށް ދޭން ތުލުސްދޫ ކައުންސިލަރުންގެ ބައްދަލުވުމަކުން ނިންމާފައިވަނިކޮަށް މިހާރު އެ އެންޓަނާ ޖަހާފައި ހުރީ ތުލުސްދޫ ކައުންސިލްގެ ރައީސްގެ ގޭގައި ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރުމަށްފަހު އެެވެ.

އޭސީސީ އިން ބުނީ ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި އެންޓަނާއެއް ޖެހުމަށް ބިންކޮޅެއް ހޯދަން ޕްރައިވެޓް ކުންފުންޏަކުން ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހަޅާފައިވާކަން ކައުންސިލްގެ އިދާރާގެ ލިޔުންތަކުންނާއި މިމައްސަލައިގެ ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އިނގޭ ކަމަށެވެ.

އެ ކުންފުނީގެ ސިޓީއާ ގުޅިގެން ތުލުސްދޫ ކައުންސިލްގެ 27 ވަނަ ޖަލްސާގައި މަޝްވަރާކުރުމަށްފަހު އެ ކުންފުންޏަށް ބިންކޮޅެއް ދިނުމަށް އެ ބައްދަލުވުމުން ނިންމާފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ބައިވެރިވެރިވެފައިވާކަން ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި އެބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ބަހުން އިނގޭ ކަމަށްވެސް އެސީސީން ބުންޏެވެ.

އޭސީސީ އިން ބުނީ އެކޮމިޝަނުން މިމައްސަލަ ތަހުގީގު ކުރިއިރު އެ ކުންފުނިން ބިންކޮޅެއް ހޯދުމަށް އެދި ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހަޅާފައިވަނީ 03 ޖުލައި 2012 ގައި ކަމާއި އެ ސިޓީއާ ގުޅިގެން ބިންކޮޅެއް ދޭން ކައުންސިލުން ނިންމާފައިވަނީ 17 ޖުލައި 2012 ގައި ކަމަށެވެ. ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ރީޓެއިލް ކުރުމުގެ ހުއްދަ މޯލްޑިވްސް ޓެލެކޮމް އޮތޯރިޓީއިން އެ ކުންފުންޏަށް ދީފައިވަނީ 29 ޖަނަވަރީ 2013 ގައި ކަން ލިޔުންތަކުން އިނގޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ދައުލަތަށް ފައިދާވާ ގޮތަށް އެ ކުންފުންޏާއި ތުލުސްދޫ ކައުންސިލްގެ އިދާރާއާ ދެމެދު ކުރެވެން އޮތް މުއާމަލާތެއްގެ މައުލޫމާތު ތުލުސްދޫ ކައުންސިލްގެ ރައީސް އަށް އެނގިހުރެ، އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ އަމިއްލައަށް ހޯދައިފައިވާތީ އޭނާ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށް އެސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.