ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޓީމުން 27 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ފިރިހެން ޓީމު ވަނީ 83 ވަނަ ހޯދާފައެވެ. އެއީ މުބާރާތުގެ ޑިވިޝަން ހަތަރެއްގެ ރޭންކިން މެޗުގައި ތުރުކުމެނިސްތާން އަތުން 3-1 ގޭމް އިން މޮޅުވެގެން ނެވެ.

ތުރުކުމެނިސްތާން އަތުން ރާއްޖެ މޮޅުވިއިރު މި މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ވަނީ ދެ ގޭމް ކާމިޔާބުކޮށްފައެވެ. އަނެއް ގޭމް ކާމިޔާބުކުރީ މުހައްމަދު ޒީސްތު ނަސީމެވެ.

ތުރުކުމެނިސްތާންގެ މައްޗަށް ރާއްޖޭން ކާމިޔާބު ހޯދިއިރު ގްރޫޕް ސްޓޭޖުން ރާއްޖެ ވަނީ އެ ޓީމު އަތުން ބަލިވެފައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ޕާކިސްތާން އަދި ޕެނަމާ އަތުން ވެސް ބަލިވެފައެވެ.

ރާއްޖޭގެ ފިރިހެން ޓީމަށް 2014 ވަނަ އަހަރުގެ މުބާރާތުގައި ލިބުނީ 110 ވަނަ އެވެ.