ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒަކުން ކަން ސާބިތުކުރުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ކޯޓަށް ހާޒިރުކޮށްދިނުމަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅައިފި އެވެ.

ނަޝީދު 13 އަހަރަށް ޖަލަށްލީ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ގާނޫނީ ވަކީލުން ވަނީ އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބެންޖެހޭ އެތައް ހައްގެއް މިމައްސަލާގައި ނިގުޅައިގެންފައިވާ ކަމަށް މީގެ ކުރިން ކޯޓުގައި ދެއްކެވި ވާހަކަތައް މިއަދު ވެސް ކޯޓުގައި ތަކުރާރުކުރައްވާފަ އެވެ.

ނަޝީދުގެ ވަކީލުން ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށްދިޔައިރު އެކަށީގެންވާ ވަގުތު ނުދޭއިރު ދިފާއީ ހެކިން ހުށަހަޅަން ވެސް ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ މިނިވަންކަމާ ދޭތެރޭ ވެސް ސުވާލު އުފެއްދެވި އެވެ. ނަަމަވެސް ނަޝީދުގެ ގާނޫނީ ޓީމުގެ ވާހަކަތައް ދައުލަތުން ވަނީ ދޮގުކޮށްފަ އެވެ.

މުހުތާޒު ކޯޓަށް ހާޒިރުކުރަން ހުށަހަޅާފައިވާއިރު، ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި މުހުތާޒު ބައިވެރިވި ކަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއިން ވަނީ މުހުތާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ.

ނަޝީދާ ގުޅުންހުރި މައްސަލައެއް މިއަދު ސުޕްރީމް ކޯޓްގައި ފަށާފައިވާއިރު އެމަނިކުފާނު ހުންނެވީ ސިއްހީ ފަރުވާއަކަށް ވަޑައިގެން އިނގިރޭސިވިލާތުގަ އެެވެ. ނަމަވެސް ބޭސް ފަރުވާއަށް ދިން 30 ދުވަހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށްވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ކަމާ ގުޅުންހުރި ސައްހަ ލިޔުންތައް ނަޝީދުގެ ފަރާތްޕުޅުން ލިބިފައި ނުވާ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މުއްދަތު އިތުރުކޮށްދީފައެއް ނުވެ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް 13 މާޗް 2015 ގައި ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކުރަން ހުށަހެޅީ ޕީޖީ ކަމުގައި މުހުތާޒު ހުންނެވި ދުވަސްވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ނަޝީދުގެ މައްޗަށް އެންމެ ފުރަތަމަ އުފުލީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފް ގޮތަކަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ. މިދައުވާ ނަޝީދުގެ މައްޗަށް އުފުލީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި މުހުތާޒުގެ ކުރިން ހުންނެވި އަހްމަދު މުއިއްޒު އެވެ.