ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި އެމްޑީޕީއާ އަދާލަތު ޕާޓީ ބައިވެރިކުރަން ބާރުއަޅައިދިނުމަށް ދިވެހި ސަރުކާރުން އދ.ގެ އެހީތެރިކަމަށް އެދިއްޖެ އެވެެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ބައިވެރިވާ ތިން ވަޒީރުންގެ ތެރެއިން އިސްކޮށް ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ މިއަދު މިކަން މީޑިއާ އަށް ޔަގީންކޮށްދެއްވާފަ އެވެ.

ޝައިނީ ވިދާޅުވީ ގައުމުގައި މައްސަލަތަކެއް އުޅޭނަމަ އަދާލަތާ އެމްޑީޕީ މަޝްވަރާގެ މޭޒަށް ގެނެސް އެހެން ޕާޓީ ތަކާއި އެކު މަޝްވަރާކުރެވިގެން ކަންކަން ހައްލުކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެެވެ. އެހެންކަމުން އެމްޑީޕީއާއި އަދާލަތު ޕާޓީ މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އދ.ގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގެ އެހީތެރިކަމަށް ސަރުކާރުން އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް މިމަހުގެ ދެވަނަ ދުވަހުގެ ރޭ ފަށާފައިވާއިރު އެ ބައްދަލުވުމަށް ދައުވަތު ދެވުނު ހަ ޕާޓީގެ ތެރެއިން ހާޒިރުވެފައި ނުވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީންނެވެ. މާޗް މަހުގެ ތިންވަނަ ދުވަހު ވެސް ޕާޓީ ތަކުގެ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމާ އެމްޑީޕީއާއި އަދާލަތު ޕާޓީއަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވުނެވެ. ނަމަވެސް ދެވަނަ ދުވަހުގެ މަޝްވަރާތަކަށް ވެސް މި ދެ ޕާޓީ ހާޒިރުނުވުމުން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް ވަނީ ކުރިއަށްދާ ގޮތް ނުވެފަ އެެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނީ މަޝްވަރާތަކަށް ދެވޭނީ ނުހައްގުން ދައުވާކޮށް ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނާއި ނުހައްގު ދައުވާތައް އުފުލާފައިވާ ސިޔާސީ ފަރާތްތައް މިނިވަންކުރުމުން ކަމަށެެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާއަށް އަދާލަތާއި އެމްޑީޕީ ހާޒިރު ނުވާތީ މިބައްދަލުވުންތަކުގައި ބައިވެރިވާ ޕީޕީއެމް، އެމްޑީއޭ، ޖޭޕީ އަދި ޑީއާރްޕީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.