ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ހައްޔަރުކުރުމަށް ހައިކޯޓުން އަނެއްކާ މިއަދު އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މުހުތާޒު ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކޮށް މުހުތާޒު މުހުސިންގެ ބަންދަށް ހަތް ދުވަސް އަލުން ޖެހުމަށެވެ.

ރައީސް އަބުދުﷲ ޔާމީން ހައްޔަރު ކުރަން އަމުރެއް ނެރުނު ކަމުގެ ތުހުމަތުގައި މުހުތާޒު ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުންނެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މުހުތާޒު ބަންދުން ދޫކޮށްލީ ކޯޓުން އެންމެފަހުން އޭނާގެ ބަންދަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެން ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

މުހުތާޒު ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާތީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ އެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒް އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރެ އެވެ.

ކ. މާފުށީ ކޯޓުގެ ނަމުގައި އދ. މާމިގިލީ ކޯޓުން ރައީސް ޔާމީން ހައްޔަރުކުރުމަށް ލިޔުން ތައްޔާރުކުރުމަށް ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 ހާއިރު މުހުތާޒް ލޯންޗެއްގައި މާމިގިއްޔަށް ވަޑައިގެންފައިވާ ކަމަށާއި އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މާމިގިލި ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާނާ ގުޅިގެން އެރޭ އެ ކޯޓު ހުޅުވައި، ސައްހަ ނޫން އަމުރެއް ތައްޔާރުކުރި ކަމަށް ހައިކޯޓުގައި ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރައީސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި، އެއީ ފުލުހުން އެދިގެން ނެރެފައިވާ އަމުރެއް ކަމަށް ލިޔެފައި އޮތަސް އެފަދަ އަމުރަކަށް ފުލުހުން އެދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފައިވަނީ ހައިކޯޓުން އޭނާ ހައްޔަރު ކުރަން އަމުރެއް ނެރުމުންނެވެ. ހައިކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ މުހުތާޒު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ފުލުހުން އިސްތިއުނާފް ކުރުމުންނެވެ.

އަމުރު ނެރުނު މައްސަލާގައި މުހުތާޒުގެ އިތުރުން މެޖިސްޓްރޭޓް ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.