އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވާދަކުރައްވަން މަސައްކަތް ކުރައްވާ ޑޮނަލްޑް ޓްރަމްޕަކީ ހަގީގަތަކަށް ނުވާނެ ހުވަފެންތައް އެމެރިކާގެ ރައްޔިތުންނަށް ދައްކަވާ ބޭފުޅެއް ކަމަށް ޖަރުމަނުވިލާތުގެ ވައިސް ޗާންސެލަރ ސިގްމަރ ގެބްރިއެލް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ވެލްޓް އޭމް ސޮންޓެގްއަށް ދެއްވި ބަސްދީގަތުމެއްގައި ވައިސް ޗާންސެލަރ ވިދާޅުވީ، ޓްރަމްޕަކީ ސުލްހައާއި، އިޖުތިމާއީ ހަމަޖެހުމާއި، އިގްތިސާދީ ފުދުންތެރިކަމަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕަކީ ފަރަންސޭސި މެރިން ލެ ޕެންއާއި، ނެދަރލޭންޑްސްގެ ގީޓް ވައިލްޑަރސް ފަދައިން، ހަގީގަތާ ދުރު ހުވަފެންތަކުގެ ވައުދުތައް ވެވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް ގެބްރިއެލް ވިދާޅުވިއެވެ.

"ޑޮނަލްޑް ޓްރަމްޕް، މެރީން ލެ ޕެން ނުވަތަ ގޯޓް ވައިލްޑަރސް، މިބޭފުޅުންނަކީ ހަމައެކަނި ސުލްހައާއި، އިޖުތިމާއީ ހަމަޖެހުމަށް ހުރި ނުރައްކަލެއްވެސް ނޫން، މި ބޭފުޅުންނަކީ އިގްތިސާދީ ތަރައްގީއަށްވެސް ހުރި ނުރައްކަލެއް" ވެލްޓް އޭމް ސޮންޓެގް ދުވަހު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވައިސް ޗާންސެލަރ ސިގްމަރ ގެބްރިއެލް ވިދާޅުވެފައި ވެއެވެ. އެބޭފުޅުންގެ ސިޔާސަތުގައި، އިގްތިސާދު އޮންނަނީ ހަމައެކަނި އެގައުމެއްގެ ސަރަހައްދީ އިމުގެ އެތެރޭގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުގެ ވައިސް ޗާންސެލަރ ސިގްމަރ ގެބްރިއެލް އަކީ ޖަރުމަނު ސަރުކާރުގެ އިކޮނޮމީ މިނިސްޓަރވެސް މެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓަށް ޓްރަމްޕް ވާދަކުރައްވައި، މިހާރު ބާއްވަމުންދާ ޕްރައިމެރީގައި ޓްރަމްޕް އުޅުއްވަނީ އެހެން ކެންޑިޑޭޓުންނަށް ވުރެ ކުރީގައެވެ.

ޖަރުމަނުވިލާތުގެ ވައިސް ޗާންސެލަރ ގެބްރިއެލް، ޓްރަމްޕަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވާއިރު، ޓްރަމްޕާ ބެހޭގޮތުން ޖަރުމަނުގެ އެހެން ދުވަހު ނޫހެއް ކަމަށްވާ ބިލްޑް އިން ޗާންސެލަރ އެންޖެލާ މަރްޚެލްއާ ސުވާލު ކުރުމުން ވިދާޅުވެފައިވަނީ "އަޅުގަނޑު އެހާ ރަނގަޅަކަށް އޭނާއެއް ނުދަންނަން" ކަމަށެވެ.

ޔޫރަޕަށް ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލާގައި، ރެފިއުޖީންނަށް އެހީތެރިވުމުގެ އެންމެ ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވަނީ ޖަރުމަނުވިލާތުންނެވެ. އަދި އެންމެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ހިމާޔަތް ދީފައިވަނީވެސް ޖަރުމަނުވިލާތުންނެވެ. އެކަމުގައި ޖަރުމަނު އިސް ދައުރެއް އަދާކުރީ ޗާންސެލަރގެ މަސައްކަތްޕުޅުންނެވެ.

ޓްރަމްޕްވަނީ ޗާންސެލަރ މަރްޚެލްގެ ރެފިއުޖީ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެކަމާ ބެހޭގޮތުން ނޫހުން ސުވާލު ކުރުމުން ޗާންސެލަރ ވިދާޅުވީ، ޓްރަމްޕްގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް، އެމެރިކާގައި މިހާރު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވާ ހިލަރީ ކްލިންޓަންއާ ބެހޭގޮތުން ޖަރުމަނުގެ ޗާންސެލަރ ވަނީ، ހިލަރީއަކީ ސިޔާސީ ތަޖުރިބާހުރި، އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށް ވިދާޅުވެ ހިލަރީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.