30 އަހަރުވަންދެން ސްރީލަންކާގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ކަންކުރަމުންދިޔަ އުސޫލުން، ސްރީލަންކާގެ ވެރިރަށުގައި ބެރިކޭޑްތައް ޖަހައި، ފުލުހުން ވެހިކަލްތައް ޗެންކުރަން ފަށައިފިއެވެ.
މަގުހުރަސް ނުވަތަ ބެރިކޭޑްތައް ޖަހައިގެން ދޭރެ ދޭތެރެއިން ވެހިކަލްތައް ޗެކްކުރަން ކޮޅުނބުގެ ފުލުހުންގެ 100 ސްޓޭޝަނަށް މިހާރު އަންގާފައިވާ ކަމަށް ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވިއެވެ.
މިއީ، ސްރީލަންކާގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް އައުމުގެ ކުރިން ސްރީލަންކާ ފުލުހުން އަބަދުވެސް ކުރަމުންދިޔަ ކަމެކެވެ. ހަނގުރާމަ ނިމުމާއެކު ސްރީލަންކާ ސަރުކާރުން ވަނީ މަގުހުރަސްތައް ރޫޅާލައި، ވެހިކަލްތައް ޗެކްކުރުން ހުއްޓާލާފައެވެ. އެގޮތުން، ކޮޅުނބަށް ވަންނާން އޮންނަ މައި ޕޮއިންޓްތަކުގައި ގާއިމްކޮށްފައިހުރި ދާއިމީ ޗެކްޕޮއިންޓްތައްވެސް ރުޅާލިއެވެ.
ކޮޅުނބުގެ މަގުތަކުގައި ބެރިކޭޑް ޖަހައި ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް ފުލުހުން އަލުން މިފެށީ، ގޭންގްތަކުގެ މެދުގައި ކޮޅނބުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށް ފަހުގައެވެ.
ފުލުހުންގެ ތަރުޖަމާނު ރުވާން ވިދާޅުވީ، މަގުތަކުގައި ހުރަސްތައް ބަހައްޓައިގެން ވެހިކަލްތައް ޗެކްކުރަން ފެށީ، ނުރައްކާތެރި ޖަރީމާތައް ހުއްޓުވުމާއި، މަސްތުވާތަކެތި ކޮޅުނބަށް އެތެރެކުރުން ހުއްޓުވުމާއި، އެފަދަ ޖަރީމާތައް ހިންގާ މީހުން ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކޮޅުނބުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، އޭގެ ސަބަބުން އުފެދޭ މައްސަލަތައް ވަރަށްބޮޑުތަން އިތުރުވެފައި ވާކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ގޭންގްތަކުގެ މެދުގައި މިދިޔަ ހަފްތާގައި ކޮޅުނބުގައި ހިންގި ބަޑިޖެހުމުގެ ހާދިސާގައި ތިން މީހެއްގެ ގަޔަށް ބަޑިޖަހާ ވަނީ މަރާލާފައެވެ. މިހަމަލާތަކުގެ ތެރޭގައި އެތައް ބަޔަކު ޒަޚަމްވެސް ކޮށްލާފައިވެއެވެ.
މީގެތެރެއިން، ގޭންގަކާ ގުޅުންހުރި މީހަކު މިދިޔަ ހަފްތާގައި ކޯޓަށް ހާޟިރުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދަނިކޮށް، ހަތިޔާރުއެޅި ބަޔަކު ވަނީ އޭނާ ގެންދިޔަ ބަހަށް ބަޑިން ހަމަލާދީ ޒަޚަމް ކޮށްލާފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ކޯޓްގައި ފައިސާ ބަހައްޓައިގެން ވަގުތީގޮތުން މިނިވަންވެފައި ހުރި މީހަކު އޭނާގެ ގޭގައި ހުއްޓައި ބަޔަކުވަނީ ބަޑިޖަހާ މަރާލާފައެވެ.
އަދި ކޮޅުނބުގައި ހުންނަ މައި ޖަލު ކުރިމަތީގައި ހުރި އަންހެނެއްގެ ގަޔަށްވެސް މިދިޔަ ހަފްތާގައި ބަޔަކު ވަނީ ބަޑިޖަހާ ޒަޚަމް ކޮށްލާފައެވެ. އެ އަންހެންމީހާގެ ގަޔަށް ބަޑިޖެހީ ޖަލުގައި ހުރި އޭނާގެ ފިރިމީހާއަށް ޒިޔާރަތް ކުރުމަށްފަހު ޖަލުން ނުކުތްތަނާއެވެ.
ކޮޅުނބުގައި ބަޑިޖެހުމުގެ ހާދިސާތަކެއް ހިނގައިގެން ދިއުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފުލުހުންނަށް މަޖުބޫރުކުރުވި ސަބަބެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ގޭންގްތަކާ ގުޅުންހުރި ޖަރީމާތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚާއްސަ 10 ޔުނިޓްވެސް މިހާރު އުފައްދާފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
މަގުހުރަސްތައް ބަހައްޓައި، ފުލުހުން ވެހިކަލްތައް ޗެކްކުރަން ފެށުމުން، ހަނގުރާމައިގެ ދުވަސްވަރުގެ ހަނދާންތައް އާވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. ސަލާމަތީ ޗެކްކުރުން ތަކުގެ ސަބަބުން އާންމުންނަށްވެސް އެކަމުގެ ތަކުލީފުތައް ކުރިމަތިވާނޭ ކަމަށް ބުނެއެވެ.