ހއ. އުތީމުގައި ޓޫރިސްޓު ހޮޓަލެއް އެޅުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފިއެވެ.

އުތީމުގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

އަދި އުތީމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަޝްރާރު އާދަމެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަޝްރާރް ވިދާޅުވީ މިއަދު ޓުއަރިޒަމް މިނިސްޓްރީ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން އުތީމުގައި ޓުއަރިސްޓް ހޮޓަލެއް އެޅުމަށްޓަކައި ބިޑަށް ހުޅުވާލުމާއި ބިޑް އިވެލުއޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭ ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އަޝްރާރް ވިދާޅުވިއެވެ.

އަޝްރާރް ވިދާޅުވީ އުތީމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ ހުއްދަ ލިބުމަކީ ރަށުގެ އިގުތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެ ސަބަބުން އުތީމުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި ސަރުކާރަށްވެސް މާލީ ގޮތުން ފައިދާ ލިބޭނެ ކަަމަށް އޭނަ ވިދާޅުވިއެވެ.

އުތީމުގައި ޓޫރިސްޓް ހޮޓެލް އެޅުމަށް ހަމަޖެހިފައިވަނީ އެރަށު ތުނޑި ހިމެނޭ ސަރަޙައްދުގައެވެ.

މިކަމަށްޓަކައި 263،216 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ހޮޓެލް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭ ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އުތީމު ކައުންސިލްގެ ރައީސް އަޝްރާރް އާދަމް ވިދާޅުވިއެވެ.