ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ކުރީގެ ޕީޖީ މުހުތާޒާއި ނިހާންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މުހުތާޒާއި ނިހާނުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ފަރާތުން އެމައްސަލަ ޕީޖީ އަށް ފޮނުވާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މުހުތާޒާއި ނިހާނުގެ މައްޗަށް ކުރަން ނިންމާފައިވަނީ ސައްހަނުން ކޯޓު އަމުރެއް ނެރުނުކަމުގެ ދައުވާގެ އިތުރުން ދައުލަތުގެ ސިއްކަ ޖެހި ލިޔުމެއް ފޯޖްކުރިކަމުގެ ދައުވާއެވެ.

ނަމަވެސް ޕީޖީން ކޯޓަށް ފޮނުވާފައިވަނީ މުހުތާޒްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް އަދި ނިހާންގެ މައްޗަށް ހަތަރު ދައުވާއެެއް ކުރުމަށްކަމަށެވެ.

މުހުތާޒްގެ މައްޗަށް ކުރާ ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އެވެ.

ގާޒީ ނިހާންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ކުރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

މުހުތާޒާއި ނިހާންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

ފުލުހުންގެ ބަންދުގައި ދުވަސްތަކެއްވަންދެން ބެހެއްޓުމަށްފަހް ހުކުރު ދުވަހުގެ ވަގުތެއްގައި މުހުތާޒް ދޫކޮށްލި ނަމަވެސް ނިހާންގެ ބަންދަށް ހައިކޯޓުން ވަނީ 7 ދުވަސް އިތުރުކޮށްދީފައެވެ.

ނަމަވެސް މުހުތާޒް ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ ހަތް ދުވަސްވަންދެން މުހުތާޒް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

ކ. މާފުށީ ކޯޓުގެ ނަމުގައި އދ. މާމިގިލީ ކޯޓުން ރައީސް ޔާމީން ހައްޔަރުކުރުމަށް ލިޔުން ތައްޔާރުކުރުމަށް ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ މެންދަމު 12:45 ހާއިރު މުހުތާޒް ލޯންޗެއްގައި މާމިގިއްޔަށް ވަޑައިގެންފައިވާ ކަމަށާއި އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މެޖިސްޓްރޭޓް ނިހާނާ ގުޅިގެން އެރޭ އެ ކޯޓު ހުޅުވައި، ސައްހަ ނޫން އަމުރެއް ތައްޔާރުކުރި ކަމަށް ހައިކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

އަދި ރައީސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި، އެއީ ފުލުހުން އެދިގެން ނެރެފައިވާ އަމުރެއް ކަމަށް ލިޔެފައި އޮތަސް އެފަދައަމުރަކަށް ފުލުހުން އެދިފައިނުވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.