ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކަށް ރާއްޖޭގެ ހަތަރު މީޑިއާއެއްގެ ނޫސްވެރިން ނުދެއްވުމަށް ނިންމާފައިވާ މައްސަލައާއި ގުޅިގެން އެފަދަ ނިންމުމެއް ނިންމި ސަބަބު ސާފްކޮށްދިނުމަށް އެދި ބްރޮޑްކާސްޓިން ކޮމިޝަނުން އެދިއްޖެއެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން މިކަމަށް އެދިފައިވަނީ ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލްވެ ހުންނެވި ގާޒީ އަބުދުލްބާރީ ޔޫސުފަށް އެޑްރެސްކުރައްވާ މިއަދު އެކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއްގައެވެ.

ރާއްޖޭގެ ހަތަރު މީޑިއާއަކަށް ކްރިމިނަލް ކޯޓަށް ވަނުން މަނާކުރުމާއި ގުޅިގެން ބްރޮކޮމް އިން ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ އެފަދަ ނިންމުމެއް ނިންމާފައިވާ ސަބަބު އެކޮމިޝަނަށް އަންގައިދިނުމަށެވެ.

ބްރޮޑްކޮމް އިން އެކަމަށް އެދިފައިވާއިރު، ކްރިމިނަލް ކޯޓްގައި ހިންގަމުންދާ ޝަރީއަތްތަކަށް ވީނިއުސްއާއި އިތުރު ދެ މީޑިއާއެއްގެ ރިޕޯޓަރުންނަށް ނުވަދެވޭނެކަމަށް މިމަހުގެ އެއްވަނަ ދުވަހު އެކޯޓުން ވަނީ އަންގާފައެވެ. ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ނުބަދެވޭގޮތަށް އެދުވަހު ނިންމި ތިން މީޑިއާއަކީ ވީނިއުސްއާއި، ހަވީރު އޮންލައިންގެ އިތުރަށް އަވަސް އޮންލައިންނެވެ.

އޭގެ ފަހުން މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވެސް ނުވަދެވޭނެކަމަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއެމްސީ އިން ބުނީ ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވަދެވޭ ގޮތަށް ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި ކޯޓު ކަވަރުކުރާ ނޫސްވެރިންނަށް ކުރިމަތިވި ބޮޑު ބިރެއް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވާނަމަ އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބޭ އުނިކަމެއް ކަމަށް ދެކޭ ކަމަށްވެސް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

މިމަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މީސްތަކުންގެ އަބުރާއި ޢިއްޒަތާއި ޝަރަފާއި ކަރާމާތަށް، އެއްވެސް އިމެއްނެތި ބަޔަކު އަރައިގަންނަ އަރައިގަތުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން އިސްވެ އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ބުނެފައެވެ.