މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މީހަކު ބަންދުކޮށްގެން ހާޒިރުކުރަން ފުރަތަމަ ފަހަރަށް އަމުރު ނެރެފި އެވެ.

މީރާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން ހައިކޯޓުން އަމުރު ނެރެފައި މިވަނީ މީރާއަށް ހާޒިރުވުމަށް އެމީހާއަށް ތިން ފަހަރެއްގެ މަތިންވެސް އެންގުމުން ހާޒިރުވެފައި ނުވާތީ މީރާއިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް މެދުވެރިކޮށް ކޯޓަށް ހުށަހެޅުމުންނެވެ.

ޕީޖީ އޮފީހުން މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ މީރާއަށް އެމީހާ ބަންދުކޮށްގެން ހާޒިރުކުރަން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ. އެހެންކަމުން ޕީޖީ އޮފީހުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް އެމީހާ މީރާއަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ހައިކޯޓުގައި ނިންމުމުގައި ބުނެފައިވަނީ ފަސް ދުވަސް ތެރޭގައި އެމީހާ މީރާއަށް ހާޒިރު ނުވެއްްޖެނަމަ ބަންދުކޮށްގެން މީރާއަށް ހާޒިރުކޮށްފިނުމަށް ފުލުހުންނަށް އަމުރުކުރާ ކަމަށެވެ.

ހާޒިރުނުވި މީހަކު ހައްޔަރުކޮށްގެން އެ އިދާރާ އަށް ގެންދަން ކޯޓަކުން ފުރަތަމަ ފަހަރަށް މިއަދު އަމުރެއް ނެރެފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން ޓެކުހާ ގުޅޭ މައްސަލަތަކުގައި މީހަކާ ސުވާލު ކުރަން މީރާ އިން ބޭނުންވެއްޖެނަމަ މީރާ އިން ކަނޑައަޅާ ތަނަކަށް އެމީހަކު ހާޒިރުވާން އެންގުމުގެ ބާރު މީރާ ގާނޫނުގައި ލިބިދީފައިވެ އެވެ. މިފަދަ އެންގުމަކަށް ހާޒިރު ނުވެއްޖެނަމަ އަމަލު ކުރާނެ ގޮތެއް މީގެ ކުރިން ކުރިން ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު ބުނެފައެއް ނުވެ އެވެ. ނަމަވެސް ހައިކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް މީރާ އިން ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު އިސްލާހުކޮށްފަ އެވެ. އެހެންކަމުން މިހާރު އަމަލުކުރާ ގަވައިދުގައި މީރާގެ އެންގުމަކަށް ހާޒިރު ނުވެއްޖެނަމަ އެމީހަކު ހައްޔަރު ކުރެވޭ ގޮތަށް ވަނީ ގަވައިދު އިސްލާހުކޮށްފަ އެވެ.