ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އޭނާ ކޯޓަށް ހާޒިރުކޮށް މައްސަލައާ ގުޅޭ މައުލޫމާތު ދީފި އެވެ.

ހުމާމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 2:00 ޖެހިއިރު ކަމަށް އެނގިފައިވެ އެވެ.

މިބައްދަލުވުމުގައި މައްސަލައާއި ގުޅޭ މައުލޫމާތުގެ އިތުރުން މައްސަލައާއި ގުޅޭ ލިޔުންތައް ހުމާމާ ހަވާލުކޮށްފައިވާ ކަމަށްވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.

ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 16 ޖެނުއަރީ 2014 ގައެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.