ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ކެމްޕޭން ލީޑަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ މަހާސިންތާގެ ތިންވަނަ ބުރު މިމަހު ބާއްވަން ނިންމައިފި އެވެ.

ރައީސް ޔާމިންގެ ކެމްޕޭން އޮފީހުން ބުނީ މި މަހާސިންތާ އޮންނާނީ މިމަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ.

މި މަހާސިންތާގެ ފުރަތަމަ ބުރުގައި ހއ. އާއި މ. އަތޮޅުގެ ޕީޕީއެމްގެ މަންދޫބުން ބައިވެރިވެފައިވާއިރު ދެވަނަ މަހާސިންތާގައި ބައިވެރިވީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގައިވާ އަތޮޅުތަކުގެ ޕީޕީއެމްގެ މަންދޫބުންނެވެ.

ރައީސް ޔާމިންގެ ކެމްޕޭން އޮފީހުން މައުލޫމާތުދޭ ގޮތުގައި މަހާސިންތާގެ ތިންވަނަ ބުރު ހާއްސަކޮށްފައިވަނީ މާލޭގައި ތިބި ޕީޕީއެމްގެ މަންދޫބުންނަށެވެ.

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމަކަށް ބާއްވަމުން ގެންދަވާ މާހާސިންތާ ތަކުގެ ތިންވަނަ ބައްދަލުވުމުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

މިމަހާސިންތާތަކުގެ ބޭނުމަކީ 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ވާދަކުރައްވާއިރު އެމަނިކުފާނުގެ ކެމްޕޭންގައި ހަރަކާތްތެރިވާނެ މީހުންނާ ލީޑަރުން ތައްޔާރުކުރުމާއި ސްޓްރެޓެޖީތައް އެކުލަވާލުމެވެ.