މިއެންމެ ރަނގަޅަށް މަސައްކަތް ކުރާ ލޯކަލް ކައުންސިލްތަކުގެ އަގުވަޒަންކޮށް "ކަންގަތި" އެވޯޑްގެ ނަމުގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި އެވެ.

ކައުންސިލް ތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އިންތިޒާމު ކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ރަނގަޅު ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކަށް އެވޯޑް ދީފައިވެ އެވެ. ނަމަވެސް ސިޓީ ކައުންސިލްތަކަށް އެއްވެސް އެވޯޑެއް ދީފައެއް ނުވެ އެވެ.

އެންމެ ރަނގަޅު އަތޮޅު ކައުންސިލް ތަކުގެ ތެރެއިން އެއްވަނަ ލިބުނީ ށ. އަތޮޅު ކައުންސިލަށެެވެ. ދެވަނައަށް ފުވައްމުލަކު އަތޮޅު ކައުންސިލް ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ތ. އަތޮޅު ކައުންސިލް އެވެ.

ރޭގެ މިރަސްމިއްޔާތުގައި އެންމެ ރަނގަޅު 10 ރަށު ކައުންސިލަށް އެވޯޑް ދީފައިވާއިރު އެއްވަނައަށް ހޮވުނީ ށ. ފޯކައިދޫ ކައުންސިލަށެވެ. ދެވަނަ އަށް ރ. އުނގޫފާރު ކައުންސިލް ތިންވަނައަށް ށ. މަރޮށީ ކައުންސިލް ހަތަރުވަނައަށް ގދ. ތިނަދޫ ކައުންސިލް އަދި ފަސްވަނައަށް ހޮވިފައިވަނީ ކ. ގުރައިދޫ ކައުންސިލް އެވެ. މީގެ އިތުރުން ހަވަނަ ކައުންސިލަކަށް ކ. ހުރާ ކައުންސިލް ހޮވިފައިވާއިރު، ހަތްވަނަ ކ. ގުޅީ ކައުންސިލަށް، އަށްވަނަ ށ. ފުނަދޫ ކައުންސިލަށް، ނުވަވަނަ ރ. ވާދޫ ކައުންސިލަށް އަދި 10 ވަަނަ މ. މަޑުއްވަރީ ކައުންސިލަށް ވަނީ ލިބިފަ އެވެ.