ޗައިނާގައި މިއަހަރު ބާއްވާ "ސައުތު އޭޝިއާ އެކްސްޕޯ" ނުވަތަ ކުންމިން ފެއާގައި ބައިވެރިވުމަށް 29 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ކުންމިން ފެއާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި އުފައްދާ ތަކެތި އެއްތާކުން ގަނެ ވިއްކޭނެ އިންތިޒާމުތަކާއި އެކު ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެކްސްޕޯ އެކެވެ. ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި އެކްސްޕޯއަށް އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން މީހުން ޒިޔާރަތްކުރެ އެވެ.

ކުންމިން ފެއާ އޮންނާނީ މިއަހަރުގެ ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުންމިން ފެއާގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު 29 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށާއި އެފަރާތްތަކާއި ގުޅަމުން ގެންދާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކުންމިން ފެއާގައި ބައިވެރިކުރަން ބޭނުންވާ ތަކެތީގެ ސާމްޕަލްތަކެއް ލިބިފައިވާތީ މިނިސްޓްރީން ބެލުމަށްފަހު ކަނޑައެޅިފައިވާ މިންގަނޑަށް ނުފެތޭ ތަކެތި އެ މިންގަނޑަށް ފެތޭ ގޮތަށް ކަންކަން ރަނގަޅުކުރަން ވަގުތުކޮޅެއް ލިބޭނެ ކަމަށެެވެ. އަދި ވިދާޅުވީ ކުންމިން ފެއާގައި ބައިވެރި ކުރާ ތަކެތި ކުރިއަށް އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ ކަަމަށާއި އެތަކެތި ޗައިނާ ގެންދިއުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.

ކުންމިން ފެއާގެ "ކަންޓްރީ އޮފް އޮނާ"ގެ މަގާމު މިއަހަރު ދިވެހިރާއްޖެއަށް ލިބިފައިވާތީ މި ފެއާ އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރުމަށް ރާއްޖެއަށް ވަނީ ފުރުސަތު ލިބިފަ އެވެެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ ކުންމިން ފެއާގެ "ކަންޓްރީ އޮފް އޮނާ"ގެ މަގާމު ރާއްޖެއަށް ލިބުމަކީ، ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއަހަރުގެ ކުންމިން ފެއާގައި ދިވެހި އުފެއްދުންތައް ދައްކާލަން ރާއްޖެއަށް ވަރަށް ބޮޑު ފުރުސަތެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.