އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އައްޑޫގެ މޭޔަރުގެ މައްޗަށް ދައުވާކުރަން އޭސީސީ އިން ފޮނުވީ 2011 ވަނަ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި 1،000 ގަސްމުށި ހެދުމުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭތީ ކަމަށް އޭސީސީ އިން ބުނެ އެވެ.

ސާކް ސަމިޓަށް އައްޑޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ބެހެއްޓުމަށް ސިމެންތިން ހަދާފައިވާ 369،500 ރުފިޔާގެ ކުރެހުންތައް ހެދީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށާއި އަދި އެ ކުރެހުންތައް އެއްގޮތަކަށްވެސް ބޭނުން ކޮށްފައި ނުވާ ކަމަށް ބުނެ އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކުރަން އޭސީސީ އިން ވަނީ މިމަހުގެ ތެރޭގައި އައްޑޫ މޭޔަރުގެ މައްޗަށް އިތުރު ދައުވާއެއް ކުރުމަށް ވެސް ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.

އޭސީސީ އިން ބުނީ ސާކް ސަމިޓަށް ގަސް މުށި ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމުން ތިން ފަރާތަކުން އަންދާސީހިސާބު ހުށަހެޅި ނަމަވެސް ނަމަވެސް ފަހުން ބައެއް ކަންކަމަށް ބަދަލު ގެނެސް އެކަމާ ގުޅޭ ލިޔުންތަކުގައި ސޯދިގު ސޮއިކުރައްވާ މިމަސައްކަތް ކުރަން ބަޔަކާ ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމިއިރު އަންދާސީހިސާބު ހުށަހެޅި ކުންފުނިތަކަށް މިކަން އެނގިފައި ނުވާ ކަމަށްވެސް އޭސީސީ އިން މިމައްސަލާގައި ނެރުނު ބަޔާނުގައިވެ އެވެ.

އޭސީީސީ އިން ބުނީ ގަސް މުށި ހައްދަން ހަވާލުކުރީ ސާކް ސަމިޓް ކުރިއަށް ދިޔަ ދުވަސްވަރު ހިތަދޫ އަވަށު ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ފަރާތުގެ ހިއްސާ އޮތް ކުންފުންޏަކަށް ކަމަށާއި މިމަސައްކަތް ކުރިއަށް ދިޔަ ގޮތް އަވަށު ބޯޑުން ބަލާފައިވާ ކަން ވެސް އިނގޭ ކަމަށެވެ.

އޭސީސީ އިން ބުނީ ގަސް މުށި ހަދަން ހަވާލުކުރީ ސާކް ސަމިޓަށް ކަމަށާއި ނަމަވެސް މިމަސައްކަތްތައް ނިންމާފައިވަނީ ސާކް ސަމިޓުގެ ފަހުން ކަމަށްވާތީ މިތަކެތި ބޭނުން ކުރެވިފައި ނުވާ ކަަމަށެވެ. އަދި މަސައްކަތް ނިމުމުން އެމަސައްކަތް އިންސްޕެކްޓް ކުރިއިރު އެއްބަސްވުމުގައިވާ އަދަދަށް ގަސް މުށި ހަދާފައިވާ ކަން ޔަގީންނުކޮށް ދެ ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި މިކަން ކުރީ ދައުލަށް ބޮޑު ގެއްލުމެއްވާ ގޮތަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިމައްސަލައާއި ގުޅިގެން އައްޑޫގެ މޭޔަރުގެ މައްޗަށް ތިން ދައުވާއެއް ކުރަން އޭސީސީ އިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ލިބިފައިވާ 2.45 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ދައުލަތަށް އަނބުރާ ހޯދުމުގެ ދައުވާ އައްޑޫ މޭޔަރުގެ މައްޗަށް އުފުލައިދިނުމަށް އޭސީސީ އިން ވަނީ ޕީޖީގައި އެދިފަ އެވެ.