އަތޮޅު ތެރޭގެ ތަރައްގީއާ ގުޅުންހުރި ފަސް ބިލިއަން ރުފިޔާގެ މަޝްރޫއު ހައުސިން މިނިސްޓްރީގެ ތެރެއިން މިހާރުވެސް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ އައްޑޫ މަރަދޫ ބަނދަރު ފުންކުރުމާއި މަގުތޮށިގަނޑު މަރާމާތު ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އަހަރު ނިމިގެން ދިޔައިރު އެމަސައްކަތް ކުރެވިފައި ނުވާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށްފަހު އިތުރު ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ނުވަތަ އަތޮޅު ތެރޭގައި ތަރައްގީއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމަށް ނުވަ ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ މަޝްރޫއުތަކެއް މިހާރު ހިނގަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި 53 ބަނދަރެއް ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު އޭގެ ތެރެއިން 28 ބަނދަރު މިއަހަރުގެ ތެރޭގައި ނިންމަން ސަރުކާރުން ބޭނުންވާ ކަމަށާ ބާކީ ބަނދަރުތައް އަންނަ އަހަރު ނިންމާލެވޭ ކަމަށެވެ. މިހާރު ކުރިއަށްދާ ބަނދަރުތަކަށް 1.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިން ހިއްކުމާއި ތޮށިލުމުގެ 11 މަޝްރޫއެއް މިހާރު ހިނގަމުންދާއިރު އެެއީ 1.14 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށެވެ. މަގު ހެދުމުގެ 20 މަޝްރޫއެއް ހިނގަމުންދާއިރު އެއީ 1.15 ބިލިއަން ރުފިޔާގެ މަޝްރޫއު ކަމަށާއި މީގެ ތެރޭގައި ހިމެނޭ ތ. ވިލުފުށި މަގުތައް މިމަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި 20 ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އެއީ 642 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ފަސް ރަށެއްގެ ބިން ހިއްކާ ނިންމާފައިވާއިރު ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ފާޑު ވިދާޅުވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ބަޖެޓް ފާސްކުރަން އެމްޑީޕީގެ މެންބަރު ވޯޓް ނުދެއްވި ނަމަވެސް އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމްޑީޕީގެ މެންބަރުން ސަރުކާރާ މަޝްވަރާ ކުރަން ބޭނުން ނުވި ނަމަވެސް ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން ރައީސް ޔާމިންގެ ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަށް ކަންކަން ކުރެވޭނީ އާމްދަނީ ލިބިގެން ކަމަށާއި އާމްދަނީ ލިބެން ހުރި ކަންކަމަށް ހުރަސް އެޅުމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވާ ކަމަށެެވެ.

މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް މަޝްރޫއުތައް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ސަޕްލމިނެޓްރީ ބަޖެޓްގައި ހިމެނެން އޮތް މިންވަރަކަށް ހިމަނަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޮޑަށް އިސްކަން ދޭނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.