ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި "ސެންޓްރަލް އޮޕްސް ކޮމާންޑަރސް ކަޕް" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މާފަންނު ޕޮލިސް ސްޓޭޝަންގެ އޭ ޓީމް ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މާފަންނު ޕޮލިސް ސްޓޭޝަންގެ އޭ ޓީމް ހޯދީ ހުޅުމާލެ ސްޓެލްކޯ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ޓީމާ ވާދަކޮށް 1-0 ން މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހެމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީގެ އިތުރުން ފުލުހުންގެ ސީނިއަާ އޮފިސަރުންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަންގެ އޭ ޓީމްގެ ހަސަން އާދަމްއެވެ.މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކަށް މާފަންނު ޕޮލިސް ސްޓޭޝަންގެ އޭ ޓީމްގެ އިބްރާހިމް އިނާޒް ހޮވިފާވާއިރު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުމަދު ޝާހިދުއެވެ.

ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާގޮތަށް ކުޅުނު މި މުބާރާތުގައި ޖުމްލަ 12 ޓީމެއް ބައިވެރިވެއެވެ.