ސްޕޯޓްސް ޑިޕްލޮމަސީގެ ޕްރޮގްރާމުގެ ދަށުން މ.ނާލާފުށި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ވޮލީ ކޯޗިންގ ކޭމްޕް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ވޮލީ ކޯޗިން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ މ.އަތޮޅު ކައުންސިލް މެމްބަރު ހަސަން އަމްޖަދުއާއި މ.އަތޮޅުގެ ކޮމާންޑަރ ޕޮލިސް ސްޓާފް ސަރޖަންޓް އަބޫބަކުރު މުޙައްމަދުއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޮލީ ކޭމްޕުގައި 26 ޒުވާނަކު ބައިވެރިވެފައިވާއިރު 15 ޒުވާނަކު ވަނީ ކޭމްޕު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ނާލާފުށީގައި ކުރިއަށް ގެންދިޔަ މި ވޮލީ ކޭމްޕަކީ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ނާލާފުށި ކައުންސިލް ގުޅިގެން ނާލާފުށި ޒުވާނުންނަށް ކުޅިވަރުގެ އަހުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއަ ވޮލީ ކޯޗިންގ ކޭމްޕެކެވެ. މި ވޮލީ ކޯޗިންގ ކޭމްޕުގައި ކޯޗުއްގެ ގޮތުން ހަރަކާތްތެރިވަނީ ޕޮލިސް ކުލަބުގެ ތަޖުރިބާކާރު ދެ ވޮލީ ކޯޗުންނެވެ.

ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދަނީ ވޮލީ ކޯޗިންގ ކޭމްޕާއި ފުޓްސަލް ކޯޗިންގ ކޭމްޕުތައް ހިންގަމުންނެވެ.