ސްވިމިން އެސޯސިއޭޝަންއިން އިންތިޒާމް ކޮށްގެން ބާއްވާ "ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް"ގެ ފެތުމުގެ މުބާރާތް މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މިމަހު 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގަިއ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް އަންނަ ހޮނިހިރި ދުވަހުން ފެށިގެން އެއެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ފޯމް ފުރުމަށްފަހު މިމަހުގެ 22 ވާ އަންގާރަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފަިއ ވަނީ މާލޭ ސްވިމިންގ ޓްރެކްގައެވެ.