ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އެމްޑީޕީއަށް ދައުވަތު ދީފި އެވެ.

ވީނިއުސްއަށް އެނގިފައިވާ ގޮތުން ސަރުކާރުން މި ދައުވަތު މިއަދު ސިޓީއަކުން އެމްޑީޕީއަށް ދީފައި މިވަނީ ސަރުކާރުން އިސްނަގައިގެން ބާއްވާ އޯލް ޕާޓީ ޓޯކްސްއަށް އެމްޑީޕީއިން އިޖާބަދީފައި ނުވާތީ އެވެ. އެބައްދަލުވުމަށް ދައުވަތު ދީފައިވަނީ މާދަމާ 13:00 އަށެވެ. އަދި މިއީ ސަރުކާރުން އިސްނަގައިގެން އެމްޑީޕީއާ އެކު މަޝްވަރާއަށް ދާ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިއްޔެ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ދެ ބައްދަލުވުމަށްވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ ހާޒިރުނުވާތީ ބައިނަލްއަގުވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާގައި ބައިވެރިވުމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި އދ. އާއި ރާއްޖެއާއި ރަހުމަތްތެރި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއިއެކު އެމްޑީޕީ އަދި އަދާލަތު މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީއާއެކު ވަކިން ބާއްވާ ބައްދަލުވުމެއްގައި ރައީސް ނަޝީދަށް ދެވޭނެ ލުޔަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ހައްލެއް ހޯދައި އެމްޑީޕީ އިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝައިނީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައި ވަނީ ރައީސް ނަޝީދަކީ ޖިނާއީ ކުށްވެރިއެއް ކަމަށާއި ރައީސް ނަޝީދުގެ މައްސަލަ އޮތީ ޖިނާއީ މަރުހަލާގެ ތެރެއިން ފުރިހަމަ ނުވެ ކަމަށް ވާތީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޖަލުގައި ތިބި އެއްވެސް ކުށްވެރިއަކު ދޫކޮށްލައިގެން ނުވަތަ ލުޔެއް ދީގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ނުގެންދާނެ ކަމަށްވެސް ސަރުކާރުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އިން ބައިވެރިނުވާން ނިންމާފައިވާއިރު އެ ދެޕާޓީ އިން ބުނަމުންދަނީ މަޝްވަރާތަކަށް އެކަށީގެންވާ ފަދަ މާހައުލެއް ތަނަވަސްވެފައިނުވާ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީއާ އަދާލަތުން ބައިވެރިނުވުމުން އެ ދެ ޕާޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މަޝްވަރާތައް ފަސްކޮށްފައެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ޓެއެރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެން ނެވެ.