ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ދިވެހިރާއްޖެއިން ކަނޑައަޅާ ޖަމާއަތްތަކުގެ ލިސްޓް ރައްޔިތުންނަށް އިނގޭނެހެން ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މެންބަރުން މިހެން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

މި ބިލަށް ބަހުސްކުރައްވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައިވާނަމަ އެ ސިޔާސަތު ވަރަށް ސާފުކޮށް އިނގެން އޮންނަންވާނެ ކަމަށެވެ. ރާއްޖޭގައި ހަރުކަށި ހިޔާލުގެ މީހުން އުޅޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައިވެސް ޓެރަރިސްޓް ޖަމާއަތެއް ހަރަކާތްތެރިވާނަމަ އެކަން ސާފުކޮށް ރައްޔިތުންނަށް އިނގެންޖެހޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މިފަދަ ގާނޫނަކަށް ބަދަލުގެންނައިރު ނޭނގުމެއްގެ ތެރެއިން ރައްޔިތުންނަށް ޖިނާއީ ބޮޑެތި ހުކުމްތަކެއް އައުމުގެ ބަދަލުގައި މިފަދަ ގާނޫނުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ.

"މި ސަރުކާރުން ޓެރަރިޒަމާއި މެދު ގެންގުޅޭ ސިޔާސަތު އަދިވެސް ސާފުކޮށް އިނގޭކަށް ނެތް. ސިޔާސަތަކީ ގާނޫނުގެ ތެރެއިން މީހުންނަށް ފިޔަވަޅު އެޅުންތޯ ނޫނީ ދިވެހި ރައްޔިތުންނަށް ގާނޫނުން ހައްގުތައް ކަށަވަރުކުރުންތޯ އަދިވެސް ސާފެއް ނުވޭ،" ރިޔާޒު ވިދާޅުވި އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ޖޭޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތައް ކަނޑައަޅައި އާންމުކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވަނިކޮށް އޭގެ ހަތްމަސް ދުވަސްފަހުން އެޖަމާއަތްތައް ސިއްރުކޮށްފައި ބޭއްވުމުގެ އިސްލާހެއް ސަރުކާރުގެ ފަރާތުން ހުށަހެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ބޮޑު ހުކުމެއް އަންނާނެ ކުށެއް ކަމަށާއި އެހެންކަމުން ޓެރަރިސްޓް ޖަމާއަތްތަކީ ކޮބައިކަން ސާފުކޮށް ރައްޔިތުންނަށް އިނގެންޖެހޭ ކަމަށެވެ. މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކަނޑައެޅިގެން ގާނޫނު އަސާސީގެ 61 ވަނަ މާއްދާއާއި ފުށުއަރާ އިސްލާހެއް ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެބަ އިނގެންޖެހޭ ކޮބައިކަން ޓެރަރިސްޓް ޖަމާއަތްތަކަކީ. އެބަ އިނގެންޖެހޭ ކޮން ޖަމާއަތަކާއި ގުޅުނީމަކަން ޓެރަރިސްޓް ޖަމާއަތަކާ ގުޅުނު ކަމަށް ވަނީ. ގުޅުނީމަ ވާނީ ކިހިނެއްކަން. ނޭނގި ކިހިނެއްތޯ ރައްޔިތުން ކުށްވެރި ކުރާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަކި މަގުސަދެއްގައި ވަކިބަޔަކަށް ގޯނާކޮށް ޖެއްސުންކުރަން ހުށަހަޅާފައިވާ އިސްލާހެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ މަސްލަހަތަށްޓަކައި މިކަން ކުރާނަމަ އދ. އާއި އިންޓަޕޯލް ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަކީ ޓެރަރިސްޓް ޖަމާއައްތައް ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައިވެސް އެފަދަ ޖަމާއަތެއް އޮތްކަމުގައިވާނަމަ އެކަން ވަރަށް ސާފުކޮށް ރައްޔިތުންނަށް ބުނެދެވެންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައިވަނީ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ތިންވަަނަ ނަންބަރުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށެވެ. ނަމަވެސް އެ ލިސްޓް އާންމު ނުކުރައްވައި ސަރުކާރުންވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށާއި މިމާއްދާގެ (ނ)ގެ ފަހަތަށް އަށް އަކުރެއް އިތުރުކުރުމަށެވެ. މި އިސްލާހުގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެރަރިސްޓް ޖަމާއަތްތައް ކަަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ވާނެ ކަމަށެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ސިފައިން ބަލަހައްޓަން ވާނެ ކަމަށެވެ. މި އިސްލާހު މަޖިލީހުން ފާސްވެ ގާނޫނެއްގެ ގޮތުގައި އަމަލުކުރަން ފެށުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރެވޭނެ އެވެ.